ޚަބަރު

އޮގަސްޓު މަހުގެ ފުރަތަމަ ހަފުތާގައި ވެސް ދައުލަތުގެ ބަޖެޓް ސަޕްލަސްއެއްގައި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފިނޭންސްގެ އިމާރާތް / ފޮޓޯ:ދެން އިމޭޖްސް

މި އަހަރުގެ އޮގަސްޓު މަހުގެ ފުރަތަމަ ހަފްތާ ވެސް ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސް ސާޕްލަސްގައި އަނެއްކާވެސް ދަމަހައްޓައިފިއެވެ.

Ads by STELCO

ފިނޭންސް މިނިސްޓްރީން މި މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ދައުލަތުގެ ހަރަދުތައް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 16.7 އިންސައްތަ ދަށަށް ގޮސް، ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސް 1.4 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައި ދަމަހައްޓައިފައި ވެއެވެ.

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އޭރު ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސް ހުރީ 4.8 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ.

ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 22.3 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅައިބަލާއިރު 17.4 އިންސައްތަ ދަށް އަދަދެކެވެ.

އެގޮތުން، ދައުލަތުގެ ރިކަރަންޓް ޚަރަދު 1.1 އިންސައްތައިން ދަށްވެފައިވާއިރު، ކެޕިޓަލް ހަރަދުވަނީ 60.4 އިންސައްތައިން ދަށްވެފައެވެ.

ރިކަރަންޓް ހަރަދުގެ 56.9 އިންސައްތަ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 5.4 އިންސައްތަ ދަށް އަދަދެކެވެ.

އެގޮތުން އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ހަރަދު 17.8 އިންސައްތައިން ދަށްވެފައިވާއިރު، މަރާމާތުކުރުމާއި މެއިންޓެނަންސްގެ ހަރަދު ވަނީ 19.9 އިންސައްތައިން ދަށްވެފައެވެ. ހަމައެހެންމެ، ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރެވޭ ހޭދަ ވަނީ، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 5.3 އިންސައްތައިން ދަށްވެފައެވެ.

އެއާއެކު ދައުލަތުން ފޯރުކޮށްދޭ އެކި އެހީ އަދި ސަބްސިޑީތައް ފޯރުކޮށްދިނުމަށް ކުރެވުނު ހޭދަ ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 9.1 އިންސައްތައިން ވެސް ވަނީ ދަށްވެފައެވެ.

ނިމިދިޔަ ހަފްތާގެ ނިޔަލަށް ކެޕިޓަލް ހަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވަނީ 2.8 ބިލިއަން ރުފިޔާއެވެ. އެގޮތުން، މަގުހެދުމާއި ބްރިޖް އަދި އެއާޕޯޓް ތަރައްގީކުރުމަށް ހިނގާފައިވާ ހަރަދު ހިމަނައިގެން، އިންފްރާސްޓްރަކްޗާ އެސެޓްތަކަށް 2.4 ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި މިވަނީ ހޭދަކޮށްފަ އެވެ.

މިއީ މިއަހަރަށް މިކަންކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގެ 21.2 އިންސައްތަ އެވެ.

މި އަހަރަށް އެކުލަވައިލައިފައިވާ ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)އަށް 12.4 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް މިފަދަ ޕްރޮގްރާމްތަކަށް ހޭދަކޮށްފައިވަނީ 3.4 ބިލިއަން ރުފިޔާއެވެ.

އަދި ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ހިނގާފައިވާ ޕީއެސްއައޕީ އިންސައްތައެއް، ބިން ހިއްކުމާއި މަގު ހެދުމުގައި މަޝްރޫއުތަކަށް ހޭދަކޮށްފައިވި ނަމަވެސް، މި އަހަރުގެ ތެރޭގައި ހިނގާފައިވާ ޕީއެސްއައިޕީ ހަރަދުގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމާ ގުޅޭ ތަފާތު އެކި މަޝްރޫއުތަކަށް ކޮށްފައިވާ ހަރަދެވެ.

އެގޮތުން މިފަދަ މަޝްރޫޢުތަކަށް ޖުމުލަ 2.2 ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި މިވަނީ ހަރަދުކޮށްފައެވެ.

އޭގެ ތެރޭގައި ވެލާނާ އެއާޕޯޓް ނިންމުމަށް ހިނގާ ހަރަދުތައް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ބޯހިޔާވަހިކަމުގެ އެކިއެކި މަޝްރޫއުތަކަށް 123.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަންވެސް ފާހަގަކޮށްލެވެ އެވެ.

ހަމައެއާއެކު ޕީއެސްއައިޕީއާ ގުޅޭ ތަފާތު އެކި ސިޔާސަތުތައް ހަރުދަނާކުރުމަށް މިއަހަރުގެ ތެރޭގައި ސަރުކާރުން ކުރަމުންދާ ގިނަ މަސައްކަތްތަކާއެކު، މިފަދަ ޕްރޮގްރާމްތަކަށް ދައުލަތުގެ ބަޖެޓުން ކުރާ ޖުމުލަ ހަރަދު ވަނީ ކުޑަކޮށްފަ އެވެ.