ބޭސްފަރުވާގެ އެހީގެ ގޮތުގައި މިދިޔަ މަހު އެންސްޕާއިން 32 މިލިޔަނަށްވުރެ ގިނަ ރުފިޔާ!

މިދިޔަ މަހު ބޭސްފަރުވާގެ ޚަރަދުކުރުމަށް ދަތިވެފައިވާ ފަރާތްތަކަށް އެންސްޕާއިން އެހީގެ ގޮތުގައި 32 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާއިން މި ޚަރަދުކޮށްފައިވަނީ އެންސްޕާގެ ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށްށެވެ. އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހުވެސް ބޭސްފަރުވާއަށް އެހީތެރިކަން އެންމެ ގިނައިން ފޯރުކޮށްދީފައިވަނީ ރާއްޖޭގައި ތިބެގެން ބޭސްފަރުވާ ކުރުމަށެވެ.
ބޭސްފަރުވާގެ ޚަރަދުތަކަށް އެހީގެގޮތުގައި 32.8 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޖުލައި މަހު ޚަރަދުކޮށްފައިވާއިރު، އޭގެ ތެރޭގައި ރާއްޖެއިން ބޭރުން ފަރުވާކުރުމަށް 11.7 މިލިޔަން ރުފިޔާ އަދި ރާއްޖޭގައި ފަރުވާކުރުމަށް 21.1 މިލިޔަން ރުފިޔާ އެހީގެ ގޮތުގައި އެންސްޕާއިން ވަނީ ޚަރަދުކޮށްފައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު 22 ބާވަތެއްގެ ބައްޔަކާއި ގުޅިގެން ހުށަހެޅި 1521 ކޭސްއަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
މިދިޔަ މަހު އެންސްޕާއިން އެހީގެގޮތުގައި އެންމެ ގިނައިން ޚަރަދުކޮށްފައިވަނީ ކެންސަރު ބައްޔަށާއި ކަށީގެ ބަލިތަކަށް ފަރުވާ ހޯދުމަށެވެ. އެގޮތުން، ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް 146 ކޭސްއަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު ކަށީގެ ބަލިތަކަށް ފަރުވާ ހޯދުމަށް 132 ކޭސްއަށް އެހީތެރިކަން ފޮރުކޮށްދީފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން ނާރުގެ ބަލިތަކުގެ 124 ކޭސްއަށް އެހީ ފޯރުކޮށްދީފައެވެ.
އެންސްޕާއިން މިދިޔަ މަހު އެހީ ފޯރުކޮށްދީފައިވާ އެހެން ކޭސްތައް:
• ކަރުންމަތީގެ ބަލިތައް:121 ކޭސް
• ވިހެއުމާގުޅޭ ބަލިތައް: 119 ކޭސް
• ނޭވާލާ ނިޒާމާގް ބަލިތައް: 113 ކޭސް
• ގޭސްޓްރޯއިންޓެސްޓިނަލް ބަލިތައް: 106 ކޭސް
• ލޮލުގެ ބަލިތައް: 98 ކޭސް
• ކިޑްނީ ބަލިތަކާ ގުޅޭ ބަލިތައް: 91 ކޭސް
• ކުޑަކުދިންގެ ބަލިތައް: 68 ކޭސް
• ކަރުންމަތީގެ ބަލިތައް: 72 ކޭސް
• އަންހެނުންގެ ބަލިތައް: 60 ކޭސް
• ނަފްސާނީ ބަލިތައް: 59 ކޭސް
• އެހެނިހެން: 53 ކޭސް
• ކާޑިއޯވެސްކިއުލާ ބަލިތައް: 51 ކޭސް
• ހަމުގެ ބަލިތައް: 47 ކޭސް
• ހެމަޓޮލޮޖިކަލް ބަލިތައް: 40 ކޭސް
• އެންޑޯކްރައިން: 24 ކޭސް
• ކޮންޖެނިޓަލް ޑިސްއޯޑަރސް: 21 ކޭސް
• އޮޓޯއިމިއުން ބަލިތައް: 14 ކޭސް
• ދަތުގެ ފަރުވާ: 14 ކޭސް
• ހެޕަޓިކް: 13 ކޭސް
• ތެލަސީމިއާ ބަލި: 7 ކޭސް
މިިދޔަ މަހުވެސް ވަނީ ބޭސްފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލްތަކުން އެނދުމަތިކޮށްގެން ހޯދާފައިވާ ފަރުވާތަކަށްވެސް އެހީ ހަމަޖައްސައިދީފައެވެ. އެގޮތުން އޭޑީކޭ އަދި ޓްރީޓޮޕް ހޮސްޕިޓަލުން ޖުމްލަ 575 ކޭސްއަކަށް 8.2 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
މީގެ ތެރޭގައި އޭޑީކޭއިން 216 ކޭސް އަށް 3.7 މިލިޔަން ރުފިޔާ އަދި ޓްރީޓޮޕް ހޮސްޕިޓަލުން 359 ކޭސްއަށް 4.5 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
އެންސްޕާއިން އަންނަނީ ތަފާތު އެކި ކަންކަމުގައި މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީދިނުމުގެ ގޮތުން ތަފާތުއެކި ޕްރޮގްރާމްތައް ހިނގަމުންނެއެވެ. ރާއްޖެއާ ރާއްޖެއިން ބޭރުން އެންސްޕާ މެދުވެރިކޮށް ކޮންމެ އަހަރަކުވެސް ގިނަ ބަޔަކު އެހީ ހޯދަމުން އަންނައިރު މިމަހުން ފެށިގެން ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް، އެންސްޕާ މެދުވެރިކޮށް ދާ ބަލި މީހުންނަށް ބޭންކުތަކުން 2000 ޑޮލަރާ ހަމައަށް ޑޮލަރު ލިބޭނެ ގޮތް ވަނީ ހަމަޖައްސަވާފައެވެ.