ޓްރެފިކަށް ލުޔެއްދިނުމަށް، މެދުޒިޔާރަތް މަގު ހުޅުވާލުމަށް ކައުންސިލުން މަޝްވަރާކުރަނީ

ގިނަ ސުކޫލުތަކާއި ސަލްޓަންޕާކު ހުންނަ ސަރަހައްދުގެ ޓްރެފިކަށް ލުޔެއް ހޯދައިދިނުމަށް ޓަކައި މެދު ޒިޔާރަތް މަގު ހުޅުވާލުމަށް މޭޔަރ އާދަމް ޢާޒިމް ކައުންސިލަށް ހުށައަޅުއްވައިފި އެވެ.
މޭޔަރު އާޒިމް އެކަން ކައުންސިލަށް ހުށަހެޅުއްވީ، ބުދަ ދުވަހު އޮތް މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 207 ވަނަ ޖަލްސާގަ އެވެ.
މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޓްރެފިކުގެ މައްސަލަ އެވެ.
މާލޭގެ ޓްރެފިކް ބޮޑު ސަރަހައްދުތަކަށް ލުޔެއް ހޯދުމުގެ މަގްސަދުގައި ކުރިއަށްގެންދާ މި މަސައްކަތްތަކުގެ ތެރެއިން، އިސްލާމީ މަރުކަޒާއި ސަލްޓަންޕާކާ ދެމެދު އޮތް މަގު ވެހިކަލްތަކަށް ހުޅުވާލުމުން، ޗާންދަނީ މަގަށާއި ލިލީ މަގަށާއި އަމީރު އަހުމަދު މަގަށް ވެސް ލުއިތަކެއް އަންނާނެ ކަމަށް އާޒިމް ވިދާޅުވެފައިވެ އެވެ.
އެ ސަރަހައްދަކީ، މާލޭގެ އެންމެ ކާރުބާރު ބޮޑު އެއް ސަރަހައްދު ކަމުން، މި މަގު ހުޅުވާލުމަކީ ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ގެނެސްދޭނެ ކަމެއް ކަމަށް އާންމުން ވެސް ދެކޭ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ނިމިދިޔަ ޖުލައި މަހު، ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކުވަނީ އެކަމަށް އެދިފަ އެވެ. އެހެންވެ އާޒިމް ވަނީ ކަމާ ގުޅުން ހުރި ފަރާތްތަކުގެ މަޝްވަރާގެ މަތިން، މެދު ޒިޔާރަތް މަގު ހުޅުވާޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. މިއީ މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ޓަކައި ސިޓީ ކައުންސިލުން ފަށާފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެން ކުރުމަށް ނިންމާފައިވާ ކަމެކެވެ.
މާލޭގެ މަގުތަކުގެ ޓްރެފިކް މައްސަލައަކީ، ދުވަހުން ދުވަހަށް ގޯސްވަމުންދާ މައްސަލައެކެވެ. މި މަގު ހުޅުވާލުމުން ވެސް، މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ މި ދަތިކަމަށް ކޮންމެ ވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް މާލޭގެ ގިނަ ރައްޔިތުން ދެކެ އެވެ.
