ރާޖޫއަކީ ފޮނިކަނޑާ މީހެއް، އަޅުގަނޑު ނޫނީ ހުރިހާ ވެރިންގެ ކައިރީ އޭނާ މަގުބޫލު: ޔާމީން

ރާޖޫއަކީ ފޮނިކަނޑާ މީހެއް ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ނޫނީ ހުރިހާ ވެރިންގެ ކައިރީ އޭނާ މަގުބޫލު ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްއިން މިރޭ ކުރިއަށްދާ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ބޮޑެތި މަޝްރޫއުތައް މި ސަރުކާރުން ހަވާލުކުރާއިރު މަޝްރޫއަކީ ކިހާވަރެއްގެ ބަޔަކާކަން ވެސް ނޭނގޭ ކަމަށެވެ.
އެގޮތުން ރަސްމާލެ ހިއްކަން ފުރަތަމަ ހަވާލުކުރި ކެޕިޓަލް މެރިން އެންޑް އިންވެސްޓްމަންޓު (ސީއެމްސީ)ގެ އިސްވެރިއެއް ކަމަށްވާ ސިވަރާޖަ މަނިވަންނަން ނުވަތަ ރާޖޫއަކީ އެމަނިކުފާނު ޓްރޭޑް މިނިސްޓްރީގައި ވަކީލަކަށް އުޅުނު ޒަމާނުން ފެށިގެން ރަނގަޅަށް ދަންނަ ބޭފުޅެއް ކަމަށެވެ.
އަދި އެމަނިކުފާނުގެ ވެރިކަމުގައި ނޫނީ އެހެން ހުރިހާ ސަރުކާރެއްގައި ވެސް ރާޖޫ އަކީ ފޮނިކަނޑަމުން ވެރިންގެ ކައިރިއަށް މަގުބޫލުކަމާއެކު ހިނގި ބޭފުޅެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"ބޮޑު ސަރުކާރެއް ގޮސް އޭނާގެ އުނގަށްވެއްޓި ހަލާކުވެގެން މި ދިޔައީ، މިވަރު ވާހަކަ ދެއްކީމަ ރައީސް މުއިއްޒު ވިދާޅުވެއްޖެ ތިމަންނަމެންނަށް އެނގެއޭ މިއީ ގޯސްކޮށް ކުރެވުނު ކަމެއްކަން." ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ އިންވެސްޓަރުން ރާއްޖެ އައުމުން މަރުހަބާ ކިޔަން ޖެހޭނެ ކަމަށާއި ނަމަވެސް އެއީ ކިހާވަރެއްގެ މީހެއްތޯ ވެސް ބަލަން ޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަދި ދާދި ފަހުން އިންވެސްޓުކުރަން ރާއްޖެއައި ސައުދީ ޕްރިންސްއެއްކަމަށް ބުނާ މީހާގެ ވާހަކައަށް އިޝާރާތްކުރައްވައި ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.
"އޭނާގެ ފައިވާނުގެ ސައިޒަކީ ކޮބައިތޯ ބަލާލަންވާނެ. އޭޜަށް އަޅުގަނޑުމެންނަށް އެނގޭނީ ނެގޯޝިއޭޓްކުރަން."ރައީސް ޔާމީން ވިދާޅުވި އެވެ.
