ޚަބަރު

އަދާލަތުގައި އޮތީ ފިކުރެއް، މުއްސަނދިންނެއް ނެތް: އިމްރާން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަދާލަތު ޕާޓީގައި އޮތީ ފިކުރެއް ކަމަށާއި އެއީ މުއްސަނދިންނާއި ވިޔަފާރިވެރިން ތިބި ޕާޓީއެއް ނޫން ކަމަށް، އަދާލަތުގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

Ads by MPL

އަދާލަތު ޕާޓީގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އިމްރާން ވިދާޅުވީ އަދާލަތު ޕާޓީ އުފެއްދިއިރު ސިޔާސީ މަސައްކަތެއްގައި އުޅުނު އަދި ސިޔާސީ ތަޖުރިބާ ހުރި އެކަކު ވެސް ނެތް ކަމަށެވެ. އަދި އަދާލަތު ޕާޓީ އަށް ލިޔެކިޔުންތައް ތައްޔާރު ކުރާނެ ކޮމްޕިއުޓަރަކާއި ޕްރިންޓަރަކާއި ސީޑީ ރައިޓް ކުރާނެ ސީޑީ ރައިޓަރެއް ގެނެސް ދިނީ ވެސް ބަނޑޮސްގައި ވަޒީފާ އަދާކުރަމުން ދިޔަ އަދާލަތުގެ އާދައިގެން އާންމު މެމްބަރެއް ކަމަށް އިމްރާން ވިދާޅުވި އެވެ.

ނަމަވެސް އަދާލަތުގައި ވަރަށް ވަރުގަދަ ރައުސްމާލެއް އޮތް ކަމަށާއި އެއީ އަދާލަތުގެ ސާފު ވަރުގަދަ ފިކުރަކާއި، ނުގުޑާ ފަދަ އަޒުމާއި ހިތްވަރު ކަމަށް އިމްރާން ވިދާޅުވި އެވެ.

"މިއަދާ ހަމައަށް ވެސް އަދާލަތު ދަތުރު ކޮށްފައި ވަނީ އެ ރައުސްމާލުގެ މަތީގައި. މިއަދު ވެސް އަޅުގަނޑުމެންގެ ތެރޭގައި މާ ބޮޑު މުއްސަނދިންނެއް ނެތް، ވިޔަފާރިވެރިންނެއް ނެތް. އެހެން ނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި ސާފު ފިކުރެއް އެބައޮތް. އަޅުގަނޑުމެންގެ ތެރޭގައި، އަޅުގަނޑުމެން މެމްބަރުންގެ ތެރޭގައި ނުގުޑާ ފަދަ އަޒުމަކާއި ވަރުގަދަ ހިތްވަރެއް އެބައޮތް،" އިމްރާން ވިދާޅުވި އެވެ.

އަދާލަތަކީ ސިޔާސީ ޕާޓީއެއް ކަމަށް ވިޔަސް އެ ޕާޓީ އުފެއްދިއިރު ލީޑަޝިޕްގައި ތިއްބެވީ މުޅިން ވެސް ދީނީ އިލްމުވެރިން ކަމުގައި ވުމުން ސިޔާސީ މަސައްކަތްތަކުގައި ތަފާތު ގޮންޖެހުންތައް ކުރިމަތިވި ކަމަށް އިމްރާން ވިދާޅުވި އެވެ. އެ ކަންކަމުން އަރައިގަތުމަށް ވަރަށް ބޮޑެތި ބުރަތައް އުފުލަން ޖެހުނު ނަމަވެސް އެ ޕާޓީ ދިޔައީ އެހެން ސިޔާސީ ޕާޓީތަކާ އެއްވަރަކަށް ފައި ހަމަކުރަމުން ކަމަށްވެސް ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!