ޚަބަރު

އުރީދޫ މަސް ރޭސް ހުރާ އެޑިޝަންގެ ޗެމްޕިއަނަކީ އަނަންތަރާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އުރީދޫން ކޮންމެ އަހަރަކު ބާއްވަމުން އަންމަ މަސް ރޭހުގެ މި އަހަރުގެ އެޑިޝަންގެ ފުރަތަމަ ބުރު އިއްޔެ ކ. ހުރާގައި ބާއްވައިފި އެވެ.

Ads by MPL

މި ބުރުގެ ޗެމްޕިއަނަކީ ޓީމު އަނަންތަރާ އެވެ. ދެވަނަ ޓީމު ބާކީ ހޯދި އިރު، ތިން ވަނަ އަކީ ޓީމް ނޯރާ އެވެ.

އިއްޔެ މެންދުރު ފަހު ބޭއްވި މަސް ރޭހުގެ ހުރާ އެޑިޝަންގެ ޗެމްޕިއަންކަން ހޯދި ޓީމު އަނަންތަރާ އަށް އިނާމެއްގެ ގޮތުގައު 25،000ރ. ލިބުނެވެ. ދެވަނަ އަށް 10،000ރ. އަދި ތިން ވަނަ 5،000ރ. ދީފައިވެ އެވެ.

ހުރާ އެޑިޝަންގެ އެންމެ ބޮޑު މަސް ބޭނީ ވެސް ޓީމް އަނަންތަރާގެ ބައިވެރިއެކެވެ. އެ ޓީމް މަލާޒް ބޭނި މަހުގައި 20،6 ކިލޯ ހުއްޓެވެ. ހުރާ އެޑިޝަންގެ އެންމެ މޮޅު މަސްވެރިޔަކީ ކުލަބް އެމްޓީސީސީގެ ޒިޔާދެވެ. އެންމެ މޮޅު އަންހެން މަސްވެރިޔަކީ ސްޓެލްކޯ ކަނބަލުންގެ އަމީނާ އެވެ.

އުރީދޫ މަސް ރޭހުގެ ހުރާ އެޑިޝަންގައި ޖުމްލަ 19 ޓީމަކުން ވާދަކުރި އެވެ.

މި މަސް ރޭހުގެ ދެވަނަ ބުރު އޮންނާނީ ށ. ފުނަދޫގައި އަންނަ ހުކުދު ދުވަހެވެ. އެ ބުރުގައި 12 ޓީމެއް ވާދަކުރާނެ އެވެ.

މަސް ރޭހާ ގުޅިގެން އުރީދޫން ވަނީ އުރީދޫ އެޕްގައި ގޭމެއް ވެސް ފަށައިފަ އެވެ. މި ގޭމުގައި ބައިވެރިވުމަށްއެޕަށް ވަދެ، އުރީދޫ މަސް ރޭހަށް ކްލިކުކޮށްލުމުން ބައިވެރިވެވޭ އިރު، ގޭމުގައި ހިމެނޭ ޓީމުތަކުގެ ނަންތަކަކީ އުރީދޫ މަސްރޭހުގައި ވާދަކުރާ އަސްލު ޓީމް ނަމްބަރުތަކެވެ. އެގޮތުން، ގޭމުގައި ބޭނުންވާ ޓީމެއް ޚިޔާރުކޮށް އޮންލައިންކޮށް ކުޅެވޭ އިރު، ގޭމުގައި ހިފާ ކޮންމެ މަހަކީ އެއް ޕޮއިންޓު ކަމަށް ބަލަ އެވެ.

އެގޮތުން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް އުރީދޫ ސުޕައެޕުން ގޭމު ކުޅެގެން އެއް ވަނައަށް ދާ މީހަކަށް ޑައިވާ ސޮލްޓިގާ ރީލެއް ލިބޭނެ އެވެ.

Ads by Ooredoo