ޚަބަރު

ނޮޅިވަރަމް ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ: ރައީސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު ނޮޅިވަރަމްގައި ވާހަކަ ދައްކަވަނީ-- ފޮޓޯ/ރައީސް އޮފީސް

ނޮޅިވަރަމްގައި އަޅާ 30 އެނދުގެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ ނޮޅިވަރަމްއަށް މިއަދު ވަޑައިގެން އެމަނިކުފާނު ވިދާޅުވީ ނޮޅިިވަރަމްގެ ސިއްހީ ދާއިރާ ތަރައްގީކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.

އަދި އެއީ ރިޔާސީ ވައުދެއްކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

"މި ރަށުގައި އިރާދަކުރެއްވިއްޔާ 30 އެނދުގެ ހޮސްޕިޓަލެއްގެ މަސައްކަތް މި އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާނަން." ރައީސް ވިދާޅުވި އެވެ.

އަދި އެ މަޝްރޫއު ކުރިއަށް ގޮސް ނިމެންދެން ވެސް މިހާރު ނޮޅިވަރަމްގައި ހުރި ސިއްހީ މަރުކަޒު އަޕްގްރޭޑްކުރަން ކުރެވެން ހުރި ކަންކަން ކުރާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

އެގޮތުން ނޮޅިވަރަމްގެ ސިއްހީ މަރުކަޒުގައި އެތެރެހަށީގެ ހާއްސަ ޑޮކްޓަރެއްގެ ހިދުމަތް ދޭން ފަށަން ނިންމައި އެކްސްރޭ މެޝިންގެ ހިދުމަތް ދިނުމަށް ބޭނުންވާ އެކިއެކި އިންސާނީ ވަސީލަތްތައް ގާއިމުކުރަން ކުރަން ޖެހޭ ކަންކަން ކުރަން ފިނޭންސް މިނިސްޓްރީން ހުއްދަދީފައިވާ ކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.

އަދި އޭގެ އިތުރުން މިވަގުތަށް ނޮޅިވަރަމްގެ ސިއްހީ މަރުކަޒު ތަރައްގީކުރަން މިވަގުތަށް ކުރެވޭނެ ކަންކަންވެސް ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

"30 އެނދުގެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށި ނިމެން އަދި އޮންނާނެ ކުޑަ ދުވަސްކޮޅެއް ވެސް. އެ މަޝްރޫއު ނިމެންދެކަށް ވެސް މިހާރުގެ ހިދުމަތްތައް ވަރުގަދަކުރަން އަޅުގަނޑު ބޭނުން. އެއީ އަޅުގަނޑުގެ ރިޔާސީ އިންތިހާބުގެ ވައުދާވެސް ދިމާވާނީ އެގޮތަށް," ރައީސް ވިދާޅުވި އެވެ.

 

Ads by Allied Insurance