ޚަބަރު

ކުޅުދުއްފުށީގައި އަލަށް 2000 ހައުސިން ޔުނިޓު އަޅަން ހަވާލުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް ކުޅުދުއްފުށި ސިޓީ ކައުންސިލާ ބައްދަލުކުރައްވަނީ: ސިޓީ ކައުންސިލުތަކުގެ މެމްބަރުންގެ އަދަދު ހިފެހެއްޓުމަށް ވަނީ ނިންމަވާފައި / ފޮޓޯ:ރައީސް އޮފީސް

ކުޅުދުއްފުށި ސިޓީގައި އަލަށް 2000 ހައުސިން ޔުނިޓް އަޅަން ހަވާލުކޮށްފި އެވެ.

Ads by STELCO

ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޅުދުއްފުއްޓަށް ވަޑައިގަތުމަ ގުޅިގެން މިރޭ ބޭޢްވި ހާއްސަ ރަސްމިއްޔާތުގައި އެ މަޝްރޫއު ހަވާލުކުރީ އެޗްޑީސީއާ އެވެ.

އެ އެއްބަސްވުމުމުގައި ހައުސިން މިނިސްޓްރީގެ  ފަރާތުން ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު ސޮއިކުރެއްވި އިރު އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ހަސަން ޒުހައިރު އެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިރޭ އެޗްޑީސީއާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ޖުމްލަ 3400 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

"އެއީ ކުރިން ސޮއިކޮށްފައި ހުރި މަޝްރޫއަކާއި ހިނގަމުން ގޮސް ހުއްޓިފައި އޮތް މަޝްރޫއަކާއި އަދި މުޅިން އަލަށް 2000 ހައުސިން ޔުނިޓް" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަލަށް އަޅާ 2000 ހައުސިން ޔުނިޓްގެ ތެރެއިން 700 ހައުސިން ޔުނިޓް އަޅާނީ އަމިއްލަ ގޯތި އޮވެ އެ ގޯތީގައި ހައުސިން ޔުނިޓް އަޅަން ބޭނުންވާ މީހުންނަށް ކަމަށެވެ.

"700 ޔުނިޓް މި ހާއްސަ ކުރަނީ. އެއީ ކޮންމެ ޔުނިޓަކީ ތިން ކޮޓަރީގެ ގެއެއް. 700 ޔުނިޓް މި ހާއްސަކުރަނީ އަމިއްލަ ގޯތީގައި ގެއަޅަން ބޭނުންވާ މީހުންނަށް" ރައީސް ވިދާޅުވި އެވެ.

އަދި ކުޅުދުއްފުށި ސިޓީގެ ކައުންސިލްއާއި އެޗްޑީސީއާއާއި ހައުސިން މިނިސްޓްރީ ގުޅިގެން އެގޮތަށް ހައުސިން ޔުނިޓް އަޅަން ބޭނުންވާ ފަރާތްތައް ފާހަގަކޮށް ނިމުނުހާ އަވަހަކަށް އޭގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.

އެގޮތުން މި އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އަލަށް އަޅާ 2000 ހައުސިން ޔުނިޓްގެ ތެރެއިން 1300 ހައުސިން ޔުނިޓް އަޅާނީ ކުޅުދުއްފުށި ސިޓީގެ ލޭންޑް ޔޫސް ޕްލޭންގައި ވަކިން ހައުސިން ޕްރޮޖެކްޓްސް ހިންގަން ކަނޑައަޅާފައިވާ ސަރަހައްދުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

Ads by HDC