ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތް ބާރަށް ކުރިއަށް

މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު ރަނގަޅުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ބޮޑުތަކުރުފާނު މަގު މަޝްރޫއުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތް މިހާރު ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނެފި އެވެ.
ދައުލަތުގެ ބަޖެޓުން ހަރަދު ކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ އެއްގަމު ތޮށި ނަގައި، އައު އެއްގަމު ތޮއްޓަށް ބޭނުންވާ ޝީޓް ޕައިލް ޖެހުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނީ މިއީ ބޮޑުތަކުރުފާނު މަގު ތަރައްގީކުރަން އަޅަންޖެހޭ މުހިންމު ފިޔަވަޅެއް ކަމަށާއި އެ މަސައްކަތް ނިމުމުން، މަގަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތަށް މަގުފަހިވެގެންދާނެ ކަމަށެވެ.
އެ މަސައްކަތް ކުރިއަށްދާ މުއްދަތުގައި، އެ ސަރަހައްދަށް ކަނޑުދަތުރުފަތުރުކުރާ އުޅަނދު ވަދެ ނިކުމެހެދުމާއި، އެއްގަމު ތޮށި ބޭނުންކުރުން ވަނީ މަނާވެސްކޮށްފަ އެވެ. އެއީ މަގު ތަރައްގީކުރުމުގެ މަސައްކަތް ރައްކާތެރިކަމާއެކު، ހަލުވިކަމާއެކު ކުރިއަށްގެންދިޔުމަށާއި، މަސައްކަތް ހިނގާ ސަރަހައްދުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށްޓަކައި ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
ސަރުކާރުން ބުނެފައިވާ ގޮތުން އެ މަޝްރޫއު ނިމުމުން، މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ އެވެ.
