މާރުކޭޓޭއް އަޅައިދިން ކުންފުންޏަކަށް 150،000 ވުރެ ގިނަ ރުފިޔާ ދައްކަން މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ހުކުމްކޮށްފި

ވިލިމާލޭގައި ވަގުތީ ލޯކަލް މާރުކޭޓޭއް އަޅައިދިން ކުންފުންޏަކަށް 150،000 ވުރެ ގިނަ ރުފިޔާ ދައްކަން މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގެ ހުލާސާގައިވާ ގޮތުން ގްލޯރިއަސް ޓްރޭޑިން އެންޑް ޝިޕިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއިން އެ މާރުކޭޓް އަޅަން މާލޭ ސިޓީ ކައުންސިލްއާ ދެމެދު އެއްބަސްވުމެއްގައި 2022 ވަނަ އަހަރު ސޮއިކޮށް އެ އެއްބަސްވުމާ އެއްގޮތަށް އެތަން ނިންމައި ހަވާލުވެސްކުރި އެވެ.
އެެހެން ނަމަވެސް އެ މަޝްރޫއުގެ ޖުމްލަ ފައިސާގެ ތެރެއިން ރިޓެންޝަން ފައިސާގެ ގޮތުގައި ހިމެނޭ ފަސް ޕަސެންޓަށްވާ 125،841.48 ރުފިޔާ ހޯދަން ބިިލު ހުށަހެޅުމުން ވެސް މާލޭ ސިޓީ ކައުންސިލްއިން އެ ފައިސާ ނުދެއެވެ.
އެ މައްސަލައިގައި ޖަވާބުދާރީވުމުމުގެ ފުރުސަތު ދިނުމުން މާލޭ ސިޓީ ކައުންސިލްއިން ޖަވާބުދާރީ ނުވާއިރު ސިވިލް ކޯޓުން މިއަދު ޣައިރު ހާޒިރުގައި ވަނީ 125،841.48 ރުފިޔާ މާލޭ ސިޓީ ކައުންސިލްއިން ގްލޯރިއަސްއަށް ދައްކަން ހުކުމްކޮށްފަ އެވެ.
އަދި އޭގެ އިތުރުން ގްލޯރިއަސްއިން ޝަރީއަތުގެ ހަރަދުގެ ގޮތުގައި ނަގައިދިނުމަށް އެދުނު 25،000 ރުފިޔާ ވެސް މާލޭ ސިޓީ ކައުންސިލްއިން އެ ކުންފުންޏަށް ދެއްކުމަށް ސިވިލް ކޯޓުން މިއަދު ހުކުމްކުރި އެވެ.
އެހެންކަމުން މާލޭ ސިޓީ ކައުންސިލްއިން ޖުމްލަ 150،841.48 ރުފިޔާ 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކަން ޖެހޭނެ އެވެ.
