ފުރަތަމަ ހަތް މަހު މަސް އެކްސްޕޯޓުކުރި މިންވަރު 89 ޕަސެންޓް އިތުރު

މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހު ރާއްޖެއިން އެކްސްޕޯޓް ކުރި މަހުގެ އަދަދު 89 އިތުރުވެއްޖެ އެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހު ރާއްޖެއިން އެކްސްޕޯޓް ކޮށްފައި ވަނީ 27،950 މެޓްރިކްޓަނުގެ މަހެވެ. އަދި މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހު ރާއްޖެއިން 52،763 މެޓްރިކްޓަނުގެ މަސް އެކްސްޕޯޓް ކޮށްފައިވެއެވެ.
އެހެންކަމުން މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހާ އަޅާބަލާއިރު މިއީ 89 އިންސައްތައިގެ އިތުރުވުމެކެވެ.
ފިނިކުރި ތާޒާ ކަނޑުމަހުގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވަނީ 47،902 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓް ކޮށްފައިވަނީ 23،234 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ %106.2 އިތުރުވުމެކެވެ.
އޭގެ އިތުރުން ކަނޑުމަސް ނުހިމަނާ ފިނިކުރި ތާޒާ މަހުގެ ގޮތުގައި 430 މެޓްރިކްޓަނުގެ މަސް މި އަހަރުގެ ފުރަތަމަ 7 މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވާއިރު މިދިޔަ އަހަރުގެ މިމުއްދަތުގައި އެކްސްޕޯޓް ކޮށްފައި ވަނީ 391 މެޓްރިކް ޓަނުގެ މަހެވެ. މިއީ 10 ޕަސެންޓް އިތުރުވުމެކެވެ.
މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހު ޕްރޮސެސްކޮށްގެން 895 މެޓްރިކްޓަނުގެ މަސް އެކްސްޕޯޓް ކޮށްފައިވާއިރު މިދިޔަ އަހަރު މި މުއްދަތުގައި އެކްސްޕޯޓް ކޮށްފައިވަނީ 572 މެޓްރިކްޓަނުގެ މަހެވެ. މިއީ 65 ޕަސެންޓް އިތުރުވުމެކެވެ.
ދަޅުގައި ބަންދުކޮށްގެން އެކްސްޕޯޓް ކުރި މަހުގެ އަދަދު މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހު ދަށްވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ދަޅުގައި ބަންދުކޮށްގެން މި އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓް ކޮށްފައި ވަނީ 3536 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރު މި މުއްދަތުގައި އެކްސްޕޯޓް ކޮށްފައި ވަނީ 3752 މެޓްރިކްޓަނުގެ މަހެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 5.8 ޕަސެންޓުގެ ދަށްވުމެކެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަކީ ފައިދާ ކުރާ ސިނާއަތަކަށް ހެދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސް ރައްކާކުރާ ކާރުހާނާ ތަކާއި މަސް ޕްރޮސެސް ކުރާ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ވަނީ ފަށާފައެވެ.
