އެމަޖެންސީ އެކްސަސައިޒްއާ ގުޅިގެން ބްރިޖުގެ ލޭނެއް މާދަމާ ހަވީރު ބަންދުކުރަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވެ ތިބުމަށް ބާއްވަން ނިންމާފައިވާ އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް)އާ ގުޅިގެން ސިނަމާލެ ބްރިޖުގެ ލޭނެއް މާދަމާ ހަވީރު ބަންދުކުރަން ނިންމައިފިއެވެ.
އެފެކްސްގެ ބޭނުމަކީ ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭން އަދި މުއައްސަސާތަކުގެ އެސްއޯޕީތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުމެވެ. އެ ހަރަކާތަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށް ލާޒިމުކުރާ ހަރަކާތެއް ވެސް މެއެވެ.
ވީއައިއޭ ހިންގާ އެމްއޭސީއެލް ކުންފުނިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެފެކްސްއާ އޮޕަރޭޝަންތަކަށް ސިނަމާލެ ބްރިޖުގެ އެއާޕޯޓަށްވާ ލޭން މާދަމާ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ބަންދުކުރަން ނިންމައިފައިވާ ކަމަށެވެ.
އެ ވަގުތުތަކުގައި ބްރިޖުގެ ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވާނެކަމަށް ވެސް އެމްއޭސީއެލްއިން ބުންޏެވެ.
ބުރިޖު ބަންދުުކުރި ނަމަވެސް އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް ވެސް އެމްއޭސީއެލްއިން ބުންޏެވެ.
ވީއައިއޭގައި އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) އެންމެ ފަހުން ބޭއްވީ 2022 ވަނަ އަހަރު އެވެ. މި
މި ފަހަރު ބާއްވާ ހަރަކާތުގައި 32 އިދާރާއަކުން ބައިވެރިވެއެވެ. އަދި ވޮލަންޓިއަރުންގެ ގޮތުގައި 391 ފަރާތުން ބައިވެރިވެފައިވެއެވެ.
