ޚަބަރު

ފަރުވާދެމުން ދަނިކޮށް މެޑިކަލް ސްޓާފުންނަށް މަރުގެ އިންޒާރުދިން މިހަކު ހައްޔަރުކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މިދިޔަ ހަފުތާގައި މާލެ ސިޓީގައި ހިނގި މާރާމާރީއެއްގައި އަނިޔާ ލިބުނު މީހަކަށް ފަރުވާދެމުން ދަނިކޮށް، އައިޖީއެމްއެޗުގެ މެޑިކަލް ސްޓާފުންނަށް މަރުގެ އިންޒާރުދިނުމާ ގުޅިގެން އޭނާ ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ މިދިޔަ އާދިއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހިނގި މާރާމާރީގައި އަނިޔާ ލިބުނީ ގދ. ވާދޫ، ފުރުސަތު، ލޫތު އިބްރާހިމަށް ކަމަށެވެ.

އެގޮތުން ހަމަ އެ ދުވަހު އައިޖީއެމްއެޗްގައި އެޑްމިޓުކޮށްގެން އޭނާއަށް ފަރުވާދެމުންދިޔަ ކަމަށާއި، އޭނާއަށް ފަރުވާދެމުންދިޔަ މެޑިކަލް ސްޓާފުންނަށް މަރުގެ އިންޒާރުދީ، ބިރުދައްކައިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ ޖީބުން ވަޅިއެއް ފެނުނު ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހުކުރު ދުވަހު އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށާއި، މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Ads by Allied Insurance