ޚަބަރު

ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް ކުރިއަށް ގެންދަން އަންނަ އަހަރުގެ ބަޖެޓުގައި އިސްކަން ދޭނަން: ރައީސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު މުލަކުގައި ވާހަކަ ދައްކަވަނީ

ރައީސް ޑރ. މުޙައްމަދު މުއިއްޒު މިދިޔަ މޭ މަހު އިއުލާންކުރެއްވި ޑިޖިޓަލައިޒޭޝަންއާ ގުޅޭ ގައުމީ އާ ޕްރޮގްރާމް، "މޯލްޑިވްސް 2.0" ޕްރޮގްރާމް ކުރިއަށް ގެންދަން އަންނަ އަަހަރުގެ ބަޖެޓުގައި އިސްކަންދެއްވާނެކަމަށް އެމަނިކުފާނު މިރޭ ވިދާޅުވެއްޖެ އެވެ.

Ads by STELCO

މޯލްޑިވްސް 2.0 އަކީ ދިވެހި ސަރުކާރުގެ އެންމެހާ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް، ރައްޔިތުންގެ މައުލޫމާތާއި، މުޅި ދައުލަތުގެ ޚިދުމަތް ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ފޯރުކޮށްދިނުމަށް ރައީސް އެކުލަވާލެއްވި ސިޔާސަތު ހިމެނޭ ޕްރޮގްރާމް އެކެވެ.

މ. މުލަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު މިރޭ ވިދާޅުވީ 2040 ވަނަ އަހަރު އަންނައިރު ރާއްޖެއަކީ ތަރައްގީވެފައި އޮތް ގައުމެއްކަމަށް ހަދަން ބޭނުންވާކަން އދ.ގެ އާންމު މަޖިލީހުގައި ވެސް އެމަނިކުފާނު ތަގުރީރުކުރައްވަމުން ހާމަކޮށް އެކަމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާކަން ހާމަކުރެއްވި ކަމަށެވެ.

ރައީސް ވިދާޅުވީ މަސައްކަތް ކުރައްވަމުން ގެންދަވަނީ އެ އަމާޒަށް ވާސިލުވުމަށް ކަމަށާއި ތަރައްގީވެފައި އޮތް ގައުމަކަށް ވާން ކޮންމެ ރަށެއްވެސް ތަރައްގީވާން ޖެހޭ ކަމަށެވެ.

އަދި ކުޅިވަރު، ތައުލީމީ، ސިއްހީ އަދި ހުރިހާ ދާއިރާއަކުން ވެސް ތަރައްގީވާން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަދި "މޯލްޑިވްސް 2.0" ގެ ނަމުގައި ޑިޖިޓަލައިޒް ޕްރޮގްރާމެއް ފެށީވެސް އެ އަމާޒަށް ދިއުމަށްކަމަށް ރައީސް ވިދާޅުވި އެވެ.

"ކުރިއަށް އޮތް ދުވަސްތަކަކީ އަދި މި އަންނަ އަހަރު އަޅުގަނޑުމެން ބަޖެޓު ހަދާއިރު ވަރަށް އިސްކަމެއް އެބަ ދެން މި ޕްރޮގްރާމް ކުރިއަށް ގެންދަން. އެއީ މިފަދަ [މުލަކު] ފަދަ ރަށްތަކުގައި ކައުންސިލްތަކުންނާއި  އަދި ހުރިހާ މުއައްސަސާތަކުން ދެ ހިދުމަތްވެސް ސަރުކާރުގެ މިނިސްޓްރީތަކާއި ބޭންކުތަކާއި ކުންފުނިތަކާއި ޖުޑިޝަރީއާއި ދައުލަތުން ރައްޔިތުންނަށް ދޭ ހިދުމަތްތައް ދެނީ ދެފުށް ފެންނަ ގޮތެއްގައިތީ ޔަގީން ކުރުމަށް. އަވަސްކޮށްތޯ ވަރަށް އެފިޝަންޓްކޮށްތޯ ޔަގީން ކުރުމަށް" ރައީސް ވިދާޅުވި އެވެ.

އަދި ޑިޖިޓަލައިޒްކޮށް ކަންކަން އޮޓޮމޭޓްކުރާ ވަރަކަށް ކޮރަޕްޝަންގެ ކަންކަން މަދުވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

Ads by HDC