ޚަބަރު

ކޮރަޕްޝަންގެ މައްސަލަތައް ގިނަވާތީ ނަޝީދުގެ އޮފީހުން ކޮންފަރެންސްއެއް ބާއްވަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ކޮންމެ ސަރުކާރެއްގައި ވެސް ގިނަކަން ފާހަގަކޮށް، އެ ކަން ހުއްޓުވުމުގެ މަތީ މަޝްވަރާއެއް ކުރަން ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޮންފެރެންސެއް ބާއްވަން އުޅުއްވާކަން އެމަނިކުފާނުގެ އޮފީހުން މިއަދު ބުނެފި އެވެ.

Ads by MPL

ނަޝީދުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ކޮންފެރެންސްގައި ކޮރަޕްޝަންގެ މައްސަލަތައް ފެންމަތި ކުރި ވިސްލްބްލޯވަރުންނާއި އެ ފަދަ މައްސަލަތަކުގެ ޝިކާރައަށްވި މީހުންގެ ހެކި ބަސް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިހާތަނަށް މި ކޮންފެރެންސަށް ދެ ބޭފުޅެއްގެ ފަންނީ އެހީ ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އެއީ:

  • ނަޝީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރު ކަން ކުރެއްވި އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެމްއެމްއޭގެ ގަވަރުނަރުކަން ކުރެއްވި އަލީ ހާޝިމް
  • ނަޝީދުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރު ކަން ކުރެއްވި މަހުމޫދު ރާޒީ

ނަޝީދުގެ އޮފީހުން ބުނީ މި ކޮންފެރެންސް އަކީ އާންމުންގެ ބައިވެރިވުމާއި ގާނޫނީ ވަކާލާތުގެ ތެރެއިން ކޮރަޕްޝަންގެ މައްސަލަތަކާ ދެކޮޅަށް ދެމެހެއްޓެނިވި ދިގު ރާސްތާއެއްގައި ފަށާ ހަރަކާތެއްގެ ފެށުމަކަށް ކަމަށެވެ.

ކޮންފެރެންސް ބާއްވާނެ ތަނާއި، ތާރީހު، އެޖެންޑާ، އަދި ރަޖިސްޓްރީ ކުރަން ޖެހޭ ގޮތުގެ ތަފްސީލް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އާންމުކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ރައީސް ނަޝީދުގެ ބަސްފުޅެއް ވެސް ހިމަނާފައިވެ އެވެ.

"ކޮރަޕްޝަންތަކަކީ ހަމައެކަނި ފައިސާތަކެއް ވަގަށް ނެގުމާ ގުޅޭ ކަމެއް ނޫން. އެ ވައްކަމުގައި ދިވެހި ރައްޔިތުންގެ ކިބައިން ފޭރިގަނެވެނީ ފުރުސަތު، އަބުރާއި އިއްޒަތް އަދި އިންސާފު،" ފެހި ގާނޫނުއަސާސީއަށްފަހު ފުރަތަމަ އިންތިހާބުވި ރައީސް ވިދާޅުވި އެވެ.

Ads by Allied Insurance