ޚަބަރު

ނެޝެނަލް ސާވިސް އިފްތިތާހުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ނެޝެނަލް ސާވިސް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ-- ފޮޓޯ/ ރައީސް އޮފީސް

ސްކޫލު ނިންމާ ދަރިވަރުންގެ ތެރެއިން ނަތީޖާ ދަށްކުދިން ކުށުގެ ވެށިން ސަލާމަތްކުރުމަށްޓަކައި ފުލުހުންނާއި ސިފައިންގެ ހިދުމަތަށް އެ ކުދިން ނެރުމަށް ދިވެހި ނޭޝެނަލް ސާވިސް ނުވަތަ ދިވެހި ވަތަނީ ހިދުމަތު މިއަދު އިފްތިތާހުކޮށްފި އެވެ.

ޅ. މާފިލާފުށީގައި ހުންނަ ގައުމީ ދިފާއީ ބާރުގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ހިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. އެ ހިދުމަތް އިފްތިތާހު ކުރެއްވުމުގެ ގޮތުން ރައީސް ވަނީ ވަތަނީ ހިދުމަތުގެ ދިދަ ވެސް ހަވާލުކުރައްވާފަ އެވެ.

ނޭޝަނަލް ސާވިސްގެ މިޝަންގެ ގޮތުގައި ކަނޑައަޅާފައިވަނީ، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފުސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމެވެ.

މިއަދު މި ފެށި، ނޭޝަނަލް ސާވިސްގެ އިނީޝިއަލް ތަމްރީނަކީ، ތިން މަސް ދުވަހުގެ ޕްރޮގްރާމެކެވެ. އެ ތަމްރީނުގައި ދިވެހި ގައުމިއްޔަތު، ޒިންމާދާރު ރައްޔިތުކަން، ދިނީ ތައުލީމު، ލީޑާޝިޕް އަދި ބަހުގެ ޕްރޮފިޝަންސީ އުނގަންނައިދީ، ކަސްރަތާއި ހަށިހެޔޮކަމާއި، ހެވިކަމުގެ ތަމްރީނުތައް ކުރިއަށްގެންދާނެ އެވެ. އަދި ފަސްޓް އެއިޑް، ފަޔާ ފައިޓިން އަދި ސެލްފް ޑިފެންސް ވެސް ދަރިވަރުންނަށް ދަސްކޮށްދޭނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ނޭޝަނަލް ސާވިސްގެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކާ މުހާތަބުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެ ތަމްރީނަކީ، މުސްތަގުލު އުޖާލާކޮށް، އުފާފާގަތިކަން ކަށަވަރުކުރުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި ބަލައިގަނެގެން ކުރިއަށް ދިއުމަށެވެ. އަދި ތަމްރީނު ނިމޭއިރު އުފެދިގެންދާނީ، އުޅުންހުރި، ގައުމީ އަދި ދީނީ ލޯބި އަށަގެންފައިވާ، ބާރުވެރި ޒުވާނުންތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.