ޚަބަރު

ވަޒީރުންގެ މާލީ ބަޔާން ހުށަހަޅާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހެއް ހުށަހަޅައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ / ފޮޓޯ:މަޖިލިސް

ވަޒީރުންގެ މާލީ ބަޔާން ހުށަހަޅާގޮތަށް ގާނޫނު އަސާސީއަށް އިދިކޮޅު އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އިސްލާހެއް ހުށަހަޅުއްވައިފި އެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާ ތަމްސީލްކުރައްވާ މެންބަރު މުހައްމަދު އިބްރާހިމް(ކުޑޫ) ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިއުން އިއްވަން، މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަށް އޮތީ އެޖެންޑާކޮށްފަ އެވެ.

ކުޑޫ މަޖިލީހަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވާ ގޮތުން އެ އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ މިހާރު ވަޒީރުންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭ ކަމަށް އޮތް ނަމަވެސް އެކަން ކުރަން ވަކި މުއްދަތަކެއް ކަނޑައަޅާފައި ނުވާތީ އެކަން ކުރަން ޖެހޭ މުއްދަތު ކަނޑައެޅުމެވެ.

އިބްރާޙިމް ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ވަޒީރަކު، ވަޒީރުކަމާ ހަވާލުވާ ތާރީހުން ފެށިގެން އެއް އަހަރު ފުރި އަދި އޭގެ ފަހުންވެސް އަހަރެއްވާ ކޮންމެ ފަހަރަކު މެމްބަރުންގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައެްޔާރުކުރާ މުދަލާއެި ފައިސާގެ ބަޔާނެް ރައްޔިތުންގެ މަޖިލީހަށާއި އޮޑިޓާ ޖެނެރަލް އޮފީހަށް ހުށަހަޅަން ޖެހޭނެ އެވެ،

އަދި އެ މުދަލާއި ފައިސާގެ ބަޔާނަކީ އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓްސް އޮފް މޯލްޑިވްސްއިން އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ލައިސަންސް އޮޑިޓަރަކު އޮޑިޓްކޮށްފައިވާ ބަޔާނަކަށް ވާން ޖެހޭނެ ކަމަށް ވެސް އިސްލާހުގައި ބުނެފައި ވެއެވެ.

މާލީ ބަޔާން  ހުށަހަޅަން ދީފައި އޮންނަ މުއްދަތުގެ ތެރޭގައި ބަޔާން ހުށަނާޅައިފިނަމަ އެ މުއްދަތުގެ ފަހުން ވަޒީރުންގެ މުސާރައިން ދުވަހަކަށް ޖެހޭ އަދަދު ކެނޑެމުންދާނެކަމަށް ވެސް އިސްލާހުގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން ވަޒީރަކު މަގާމާ ހަވާލުވާ އިރު ވެސް ވަޒީރުގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަން ޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މުދަލާއި ފައިސާގެ ބަޔާނެއް އެ މަގާމާ ހަވާލުވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި މަޖިލީހަށާއި އޮޑިޓާ ޖެނެރަލް އޮފީހަށް ހުށަހަޅަން ޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައި ވެއެވެ.

Ads by Allied Insurance