ރައީސް މުއިއްޒު ނޫނީ އިހުލާސްތެރި ނިޔަތެއްގައި މަސައްކަތް ކުރައްވަވާ ބޭފުޅަކު ނުދެކެން: ގާސިމް

ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫނީ އިހުލާސްތެރި ނިޔަތެއްގައި މަސައްކަތް ކުރައްވަމުން ގެންދަވާ އެއްވެސް ބޭފުޅަކު ދެކެވަޑައިގެންފައި ނުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އދ. އަށް ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅުގެ ފެއްފުއްޓަށް ކުރެއްވި ޒިޔާރަތުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ހަފްލާގައި ގާސިމް ވިދާޅުވީ އޭނާއަކީ ދޮށީ އުމުރުގެ ބޭފުޅަކަށް ވާތީ ގިނަ ކަންކަން ފެނިވަޑައިގެންފައިވާ ކަމަށެވެ.
އަދި ކުރީ ސަރުކާރުތަކާ ވަރުން އަޅައިވައި ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް ގާސިމް ވަރަށް ބޮޑަށް ތައުރީފްކުރެއްވި އެވެ.
"މި ގާނޫނުއަސާސީ ބަދަލުވެގެން އައި ފަހުން މިއަދާ ހަމައަށް ވެރިކަން ކުރަން މަނިކުފާނު ހަވާލުވެވަޑައިގަތުމާ ހަމައަށް އަޅުގަނޑު ނުދެކެން މަނިކުފާނު ހަވާލުވެވަޑައިގެން ފަހުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، އެ ހިތްވަރާއި އަޒުމާ އެކީގައި އިހުލާސްތެރި ނިޔަތެއް އޮވެގެން ކުރިއަށް މަސައްކަތްކުރައްވަމުން ގެންދަވާ އެއްވެސް ބޭފުޅަކު އަޅުގަނޑު ނުދެކެން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އޭނާއަކީ ރާއްޖޭގެ ކުރިއެރުމަށްޓަކައި ވަރަށް ބޮޑެތި ގުރުބާނީތަކެއް ވެފައިވާ ބޭފުޅެއް ކަމަށާއި އަދި މިހާރުވެސް ގުރުބާނީތައް ވަމުންދާ ކަމަށެވެ.
އަދި މިހާރު ރާއްޖެއިން މި ފެންނަ ތަރައްގީ ފެށުން އައުމުގައި އޭނާ އުފުއްލެވި ބުރަ ހިމެނޭނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ރައީސް މުއިއްޒުއަށް ގާސިމް ވަރަށް ބޮޑަށް ތައުރީފް ކުރެއްވިއިރު މި ސަރުކާރު ފެށުނު ފަހުން ގާސިމް އަބަދުވެސް ފެންނަމުންދަނީ ސަރުކާރަށް ތާއިދުކުރައްވާ މަންޒަރެވެ.
ނިމިގެން ދިޔަ ސަރުކާރުގައި ވެސް ގާސިމްގެ ޕާޓީ، ޖުމްހޫރީ ޕާޓީ އޮތީ އޭރު ވެރިކަން ކުރި އެމްޑީޕީއާއެކު ކޯލިޝަން ހަދައިގެންނެވެ.