ޚަބަރު

25 މިލިއަން ޑޮލަރު ދައްކައި 500 މިލިއަނުގެ ސުކޫކު އަންނަ އޭޕްރީލްގައި ދައްކާ ނިންމަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފިނޭންސްގެ އިމާރާތް / ފޮޓޯ:ދެން އިމޭޖްސް

ދެހާސް އެކާވީސް ވަނަ އަހަރު ސުކޫކުގެ ގޮތުގައި ދޫކުރި 500 މިލިއަން ޑޮލަރުގެ ތެރެއިން ދައްކަން ޖެހޭ 25 މިލިއަން ޑޮލަރުގެ ކޫޕަން މި މަހު ދައްކައިފި އެވެ.

އެ ސުކޫކުގެ ކޫޕަން ފައިސާ ދައްކަންޖެހެނީ ކޮންމެ އަހަރެއްގެ އޭޕްރިލް އަދި އޮކްޓޯބަރު މަހުއެވެ. މި ސުކޫކުގެ މުއްދަތު ހަމަވާނީ އޭޕްރިލް 2026 ގައެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ ތާވަލާ އެއްގޮތަށް ސުކޫކު އަނބުރާ ފައިސާ ދެއްކުމަށް، އެންމެފަހުގެ ކޫޕަން ފައިސާ ގޮތުގައި 25 މިލިއަން އެމެރިކާ ޑޮލަރާއި، މުޅި އަދަދުކަމަށްވާ 500 މިލިއަން އެމެރިކާ ޑޮލަރު އޭޕްރިލް 2026 ގައި މުއްދަތު ހަމަވާއިރު ދައްކައި ނިންމާނެ ކަމަށެވެ.

މިހާތަނަށްވެސް ފިނޭންސް މިންސްޓްރީން ވަނީ ދިޔައީ ސޫކޫކަށް ދައްކަންޖެހޭ ކޫޕަން ޕޭމަންޓުތައް ގަވާއިދުން ދައްކަމުން ނެވެ.

ދަރަނީގެ ޒިންމާތައް ވަގުތުން ވަގުތަށް އަދާކުރުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިހިނގާ އޮކްޓޯބަރ މަހު ދައްކަންޖެހޭ ކޫޕަން ފައިސާ ކާމިޔާބުކަމާއެކު ދެއްކުމުން ދައްކުވައިދެނީ ސަރުކާރުން މާލީ ޒިންމާތައް އަދާކުރުމަށް ކުރަމުންދާ މަސައްކަތާއި، ބައިނަލްއަގުވާމީ އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތެވެ.

ޒިންމާދާރު ގޮތެއްގައި ދަރަނި މެނޭޖްކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން އަލުން ހާމަކޮށް، އަންނަ އަހަރު ސުކޫކުގެ އެންމެ ފަހުގެ އެސެޓްލްމަންޓަށް ތައްޔާރުވަމުންދާއިރު، މާލީ ހަރުދަނާކަމާއި ދަރަނި އަދާކުރުމުގެ ގާބިލުކަން ދެމެހެއްޓުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުންގެންދާނެއެވެ.

ދަރަނީގެ ގޮތުގައި އަންނަ އަހަރު ރެކޯޑް އަދަދެއްގެ ފައިސާ ދައްކަން ޖެހޭއިރު ރާއްޖެއިން އެންމެ ބޮޑަށް ދަރާފައިވާ ޗައިނާއާއި އިންޑިއާއިން މިހާރު ވަނީ ލުއިތަކެއްވެސް ދީފަ އެވެ.

Ads by Allied Insurance