ޓްރޭޑްނެޓް މޯލްޑިވްސްގެ ނަން މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީއަށް ބަދަލުކޮށްފި

ރައީސް ޑރ. މުހަައްމަދު މުއިއްޒު، ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ގެ ނަން، މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑް އަށް މިއަދު ބަދަލުކުރައްވައިފި އެވެ.
އެމަނިކުފާނު އެކަން އިއުލާން ކުރެއްވީ މިއަދު ޝާއިއު ކުރެއްވި، ނަންބަރު 2025/30 ގަރާރުންނެވެ.
ރައީސް އޮފީހުން ބުނީ އެ ނިންމުން ނިންމީ "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 – ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" މަގުޗާޓުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި، ސަރުކާރުގެ ޓެކްނޯލޮޖީ އާއި އިނޮވޭޝަން ގެ ކުންފުނީގެ ގޮތުގައި ހަރަކާތްތެރިވެ، ރާއްޖޭގައި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތް ހިންގާނެ އިސް ބައިވެރިއެއްގެ ގޮތުން އެ ކުންފުންޏާ ހަވާލުކޮށްފައިވާ މެންޑޭޓް ތަންފީޒުކުރުމުގެ މަގުސަދުގައި ކަމަށެވެ.
އޭގެ އިތުރުން އެ ކުންފުނީގެ ކޯޕަރޭޓް އައިޑެންޓިޓީ "މޯލްޑިވްސް 2.0" ގެ ތަސައްވުރާ އެއްގޮތަށް އޮތުމަކީ، އިސްތިރާޒީގޮތުން ކުންފުނީގެ މަސައްކަތްތައް ހިންގުމަށް މުހިންމު ކަމެއްކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ދިވެހި ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެއްގެ ގޮތުގައި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް 2019 ވަނަ އަހަރު އުފައްދަވާފައިވަނީ، ރާއްޖޭގައި ވިޔަފާރިކުރުމާ ގުޅޭ އެކިއެކި ހިދުމަތްތައް އެއް ވިޔުގައަކުން ފޯރުކޮށްދިނުމަށް ޓަކައި "ސިންގަލް ވިންޑޯ" އޮޕަރޭޓަރުގެ ޒިންމާ އަދާކުރުމުގެ މަގުސަދުގަ އެވެ.
