ސައުދުﷲގެ ކުންފުންޏަށް ބަދަލު ދިން މައްސަަލައިގައި ފައްޔާޒް އޭސީސީއަށް ހާޒިރުކުރަނީ

ނިމިގެން ދިޔަ އެމްޑީޕީ ސަރުކާރުގައި މިހާރުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީގެ ކުންފުނި، ސްވިފްޓް އިންޖިނިއަރިންއަށް އެކަށީގެންނުވާ ބަދަލު ދިން ކަމަށް ބުނެ އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އަށް ހާޒިރުވާން އަންގައިފި އެވެ.
އެ މައްސަލައިގައި އޭސީސީން، މިހާރު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ފުރުއްވާ ފައްޔާޒްއަަށް ފޮނުވި ޗިޓުގެ ކޮޕީ އޭނާ އެކްސްގައި އާންމުކޮށްފައިވާ އިރު އޭގައިވާ ގޮތުން ފައްޔާޒް ހާޒިރުވާން ޖެހޭނީ އަންނަ ހޯމަ ދުވަހު ހެނދުނު 09:30ގަ އެވެ.
ޗިޓުގައިވާ ގޮތުން ސްވިފްޓް އިންޖިނިއަރިންއަށް އެކަށީގެންނުވާ ބަދަލު ދިނުމަށް 2019 ވަނަ އަހަރު އޯލްޓަނޭޓް ޑިސްޕިއުޓް ރިޒޮލިއުޝަން ކޮމިޓީން ނިންމި ނިންމުމުގައި ފައްޔާޒް ބައިވެރިވެވަޑައިގެންފައިވަނީ އެ ކޮމިޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ފައްޔާޒްއަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނަހަމަގޮތުގައި ބޭނުންކޮށްގެން އެ ކުންފުންޏަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައި ކަމަށެވެ.
ނަމަވެސް އެ މައްސަލައިގައި ފައްޔާޒް އެކްސްގައި ވިދާޅުވީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައި ނުވާނެ ކަމަށެވެ، އަދި އެ މައްސަލައިގައި އިންސާފުވެރި ތަހުގީގެއް އޭސީސީން ކުރާނެ އަދި ކުރެވޭނެ ކަމަށް ގަބޫލެއް ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފާއިތުވި ދެ އަހަރަކީ މުއިއްޒު ސަރުކާރުން ދައުލަތުގެ ފާރަވެރިވުމުގެ ނިޒާމު އެއްކޮށް ފުނޑާލި ދެ އަހަރު. ވަޒީފާގެ ޔަގީންކަން ހޯދުމަށް ޒިންމާދާރު މަގާމުތަކުގައި ތިބި މީހުން މުއިއްޒު އަންގަވާހާ ގޮތަކަށް ކަންކަން ކުރަމުން އަންނަކަން ދިވެހިންނަށް ވަރަށް ސާފު. ސިޔާސީ ނުފޫޒުގައި ޖެހި ވަކި އަތަކަށް ޖެހިގެން ތަހުގީގު ހިންގާ މީހުންނާ ގާނޫނު އަރާ ހަމަކުރާނެ." ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަކީ ހުދު މުހުތާރުވެރިއެއް ކަމަށާއި އެފަދަ ހިދުމުހުތާރު، އަނިޔާވެރި ބޭފުޅަކު ވެރިކަމާ ހަވާލުވުމުން ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާކަން މިހާރު މާބޮޑަށްވެސް ސާފުވެގެން ގޮސްފައިވާ ކަމަށެވެ. އަދި މިނިވަން މުއައްސަސާތައް ހަގީގަތުގައިވެސް މިނިވަންކުރަން ޖެހިފައިވުމުގެ މުހިންމުކަން ހާމަވެގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މުޅި ދައުލަތް ބޭނުންކޮށްގެން ބިރު ދައްކައި ފަހަތަށް ޖެއްސުމަށް މަސައްކަތް ކުރި ނަމަވެސް އަދި އަޅުގަނޑުމެން އެންމެން ޖަލަށްލީނަމަވެސް ޑިމޮކްރަޓިކް ރާއްޖެއެއް ބިނާކޮށް ރައްޔިތުންނަށް އަސާސީހައްގުތައް އަނެއްކާވެސް ކަށަވަރުކޮށްދޭން ކުރާންޖެހޭ މަސައްކަތް ކުރުމުގައި ރައްޔިތުން ފަހަތަކަށް ނުޖެއްސޭނެ" ފައްޔާޒް އިތުރަށް ވިދާޅުވި އެވެ.
