ޚަބަރު

ފުލުހެއްގެ އިނގިލި ހަފާލި މީހަކު ގްރޫޕް މާރާމާރީ ހިންގާތީ ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން / ފޮޓޯ:ދެން އިމޭޖްސް

ފުލުހެއްގެ އިނގިލި ހަފާލި މީހަކާއި އިތުރު މީހަކު ގްރޫޕް މާރާމާރީ ހިންގާތީ ހައްޔަރުކޮށްފި އެެވެ.

ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ވ. ރަކީދޫ/ވިލާޑީލައިޓް، އިބްރާހިމް ނާއިލް(25އ.) އާއި ރ. ދުވާފަރު/ފިނިރޯޅި، މުހައްމަދު އަޔާޒް(19އ.) އެވެ.

އެ ދެ މީހުންގެ މައްޗަށް 10 ދުވަހުގެ ބަންދުގެ މުއްދަތު ކޯޓުން ޖަހައިދީފައިވާ އިރު އޭގެ ތަފްސީލެއް ކޯޓު އަމަރުގައި ބުނެފައެއް ނުވެއެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ނާއިލްއަކީ ހައްޔަރުގެ ރެކޯޑް ގިނަ މީހެކެވެ.

އެގޮތުން 2021 ވަނަ އަހަރު ސައިކަލެއް ވަގަށް ނަގައިގެން އެއް އަހަރަށް ގޭ ބަންދުކޮށް މުޖުތަމައުއަށް ހިދުމަތްކުރުމަށް ނާއިލްގެ މައްޗަށް ހުކުމްކުރި އިރު 2023 ވަނަ އަހަރު އޭނާ ހައްޔަރުކުރީ ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން އަމުރަށް ނުކިޔަމަންތެރިވެ ފުލުހެއްގެ އިނގިލީގައި ދަތް އަޅާ ހަފައިލި މައްސަލައިގަ އެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ހުކުމެއް އިއްވިކަމެއް ސާފެއް ނުވެއެވެ.