ގިރާވަރުފަޅުން ދޫކުރި ބައެއް ގޯތިތައް ރަސްމާލެއަށް ވެސް ބަދަލުކުރަން ޖެހިދާނެ: މިނިސްޓަރު

ނިމިގެން ދިޔަ ސަރުކާރުން ފެށި "ބިންވެރިޔާ ސްކީމު"ގެ ދަށުން ގިރާވަރުފަޅުން ދޫކުރި ބައެއް ގޯތިތައް ރަސްމާލެއަށް ވެސް ބަދަލުކުރަން ޖެހިދާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ނިމިގެން ދިޔަ ސަރުކާރުގައި އެ ސްކީމުގެ ދަށުން 5186 ގޯތި ގިރާވަރުފަޅުން ދޫކުރަން ނިންމި ނަމަވެސް އެފަޅުން އެ ނިންމުން ނިންމާފައި އޮތީ އެސަރަޙައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ޚިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތިކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ.
އެހެންވެ އެ ހިދުމަތްތައް ދެވޭ ގޮތަށް ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެންނަން ނިންމައި އެ ފަޅުން ދޫކުރަން ނިންމި ގޯތިތައް ވަނީ އެހެން ސަރަހައްދުތަކަށް ބަދަލުވެސްކޮށްފަ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ގިރާވަރުފަޅުން ގުޅިފަޅަށް 1114 ގޯތި ބަދަލުކޮށްގެންވެސް ގިރާވަރުފަޅުން އެންމެ ގިނަވެގެންވެސް ދެވޭނީ 3462 ގޯތި ކަމަށެވެ. އެހެންވެ އަދިވެސް 610 ގޯތި ގިރާވަރުފަޅުން އެހެން ސަރަހައްދުތަކަށް ބަދަލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބާކީ ގޯތިތައް ކޮންމެވެސް އެހެން ސަރަހައްދުތަކަަކަށް ބަދަލުކުރަން ޖެހޭތީ އެކަމާމެދު މަސައްކަތްތަކެއް އެބަ ކުރަން. އެއީ ޔޫޓީއެފްއަށް ބަދަލުކުރާނީތޯ. ގުޅީފަޅުގެ ފުންތަންތަން ހިއްކައިގެން ބަދަލުކުރާނީތޯ. ނޫނީ ރަސްމާލެއަށް ބަދަލުކުރާނީތޯ. އެ ދެން އަޅުގަނޑުމެން ޖެހޭނީ ގޮތެއް ނިންމަން." މިނިސްޓަރު ވިދާޅުވި އެވެ.
