ފްލެޓަށް ކުލި ނުދެއްކުން : ގިނަ ބައެއްގެ ބޯހިޔާވަހިކަން ގެއްލިދާނެ
- އެޗްޑީސީއިން ހުޅުމާލޭގައި ހަދާފައިވާ 8,511 ހައުސިން ޔުނިޓްގެ ތެރެއިން ގަވާއިދުން ކުލި ދައްކަމުން ގެންދަނީ އެންމެ 3,219 ފްލެޓުންނެވެ. އަދި ގާތްގަނޑަކަށް 60 އިންސައްތަ، ނުވަތަ 5,099 ޔުނިޓް ފްލެޓްތަކުން ގަވާއިދުން ކުލި ނުދައްކަ އެވެ.

ހިޔާ ފްލެޓުގެ މަތީގައި ހުރެ ތިރި ބަލާއިރު މުޅިތަނަށް "އުކާލާފަ" ހުރިހެން ފެންނަ އެ ހުސްބިން ތަނަކީ ހަމަ ހިޔާފްލެޓު ފަަދަ އިޖުތިމާއީ ބޯހިޔާވަހިކަމަށް ދިން ގޯތިތަކެވެ. މިކަންވަނީ ހިޔާ ފްލެޓުގައި ދައުލަތަށް ފައިސާ ދައްކައިގެން ތިބި އެތައް ބައެއްގެ ހިތަށް ދަތުވި ކަމަށެވެ. ބޮޑު ވެގެންވާ މި ނާއިންސާފުގެ ނަތީޖާއަކީ ހިޔާ ފްލެޓުގައި ދިރިއުޅޭ 40،000 އާބާދީގެ ބޮޑުބައެއް ފްލެޓަށް ފައިސާ ގަވައިދުން ނުދެއްކުމެވެ. ނަމަވެސް މި ނިންމުމާއެކު ދައުލަތުން ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގައިގެން ހިންގާފައިވާ މި މަޝްރޫއަށް ސަރުކާރުން އުފުލަން ޖެހޭ މާލީ ބުރަ ބޮޑުވުމެވެ. މީގެނަތީޖާއަކީ އިޖުތިމާއީ ބޯހިޔާވަހިކަމަށް ސަރުކާރުން ހިންގަން ބޭނުންވާ އެހެން މަޝްރޫއުތަކަށް ހުރި ފުރުސަތުތައް ގެއްލުމެވެ. މިކަން އެންމެފަހުން ފާހަގަ ކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި މިގޮތަށް ފްލެޓަށް ފައިސާ ނުދެއްކުމަކީ އެހެން ފަރާތްތަކަށް ބޯހިޔާވަހިކަން ދޭން ދައުލަތަށް ހުރި ފުރުސަތުތައް ގެއްލިގެންދާނެ ކަމަށެވެ.
"ސަރުކާރަކުން އޭރުކޮށްފައި ހުރި ކަމެއްގެ މައްޗަށް ބިނާކޮށް ތިބޭފުޅުން [މިހާރު ފްލެޓުގައި އުޅޭ ފަރާތްތަކުން] ކަންތައް ކުރައްވާ ގޮތެއްގެ ސަބަބުން އެހެން ރައްޔިތުންގެ ހައްގުތައް ގެއްލިގެން ނުވާނެ. ސަރުކާރުން ފްލެޓް އަޅަން އަބަދުވެސް ލޯނު ނަގަން ޖެހޭ. ހިލޭ އެހީގަ ކުރެވޭ ކަމެއް ނޫން މިއީ. ލޯނު ނަގާއިރު އެ ލޯނު މި ލިބެނީ އެ ތަންތަނުން ކުލި ލިބޭނެ ކަމަށް ބަލާފަ. އެންމެ ކުލި ނުލިބޭނަމަ ލޯނު ލިބުމުގެ ފުރުސަތު އެއްކޮށް ބަންދު ވެގެންދަނީ،" މުއްތަލިބު ވިދާޅުވި އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ހިޔާ ފްލެޓަށް 3.2 ބިލިއަން ރުފިޔާގެ ލޯނު ނަގާފައިވެ އެވެ. އަދި މިހާރު މީހުން ވަންނަ 4،000 ފްލެޓުތަކަށް 4.2 ބިލިއަން ރުފިޔާގެ ލޯނު ނަގާފައިވެ އެވެ.މި ލޯނުތައް ދީފައިވަނީ ސަރުކާރުގެ ކުންފުންޏަކަށެވެ. މި ލޯނު ދިނުމުގައި މައިގަނޑު ސަބަބަކީ މި ކުންފުނިން ފްލެޓުތައް ނިންމައި ފައިސާ ދައްކާނެ ކަމުގެ ޔަގީންކަން އޮތުމެވެ. ނަމަވެސް މި ލޯނުތަކަށް ފައިސާ ދެއްކުމަށް ދަތިވެގެންދާނެ ހާލަތަކީ މި ފްލެޓްތަކުގައި އުޅޭ މީހުން މަހުން މަހަށް ކުލި ނުދެއްކުމެވެ.
މިހާރު ހުޅުމާލޭގައި ހުރި ފްލެޓްތަކަށް ބަލާއިރު އެވްރެޖުކޮށް އިޖުތިމާއީ ބޯހިޔާވަހިކަމުގެ ފްލެޓެއްގެ ކުލިތައް އުޅޭ އެންމެ ބޮޑު އަދަދަކީ 8،000ރ. އެވެ. މިއީ މި ފްލެޓުތަކުގައި މިހާރު އުޅެމުންދާ އާއިލާތައް ކުރިން ކުއްޔަށް އުޅުނުއިރު މަހަކު ދެއްކި ފައިސާ އަށް ބަލާއިރު ބޮޑުތަނުން ދަށްވުމެކެވެ. މި ފްލެޓްތަކުގައި މިހާރު އުޅޭ މީހުން ކުރިން މަހަކު 20،000ރ. އާއި 27،000ރ. ހަމައެކަނި ކުއްޔަށް ހޭދަކުރި އެވެ. އެހެންވެ މި ސޭވްއާއެކު ހަގީގަތުގައި ކުލި ދައްކަން މިހާރު ދައްޗެއް ނުވާނެ އެވެ. ނަމަވެސް ފެންނަނީ ހިތާމަވެރި މަންޒަރެކެވެ.
އެޗްޑީސީއިން ހުޅުމާލޭގައި ހަދާފައިވާ 8,511 ހައުސިން ޔުނިޓްގެ ތެރެއިން ގަވާއިދުން ކުލި ދައްކަމުން ގެންދަނީ އެންމެ 3,219 ފްލެޓުންނެވެ. އަދި ގާތްގަނޑަކަށް 60 އިންސައްތަ، ނުވަތަ 5,099 ޔުނިޓް ފްލެޓްތަކުން ގަވާއިދުން ކުލި ނުދައްކަ އެވެ. އަދި މުޅި އެޗްޑީސީއަށް ޖުމްލަ 1.4 ބިލިއަން ރުފިޔާ (ފްލެޓް ކުލި އަދި ބިން ކުލި ހިމެނޭ ގޮތަށް) ނުލިބި ހުރިކަމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ރިޕޯޓެއްގައިވެއެވެ. މި ހިސާބުތައް އިތުރަށް ތަފްސީލްކޮށްލާނަމަ ފެންނަނީ ނުތަނަވަސް މަންޒަރެކެވެ.
މި އަހަރުގެ ޖޫންގެ ނިޔަލަށް ފްލެޓު ކުލީގެ ގޮތުގައި 894 މިލިއަން ރުފިޔާ ނުލިބި ހުރިކަމަށްވެ އެވެ. މީގެތެރޭގައި ހިޔާ މަޝްރޫޢުގެ ފްލެޓްތަކުން އެކަނި ވެސް 628 މިލިއަން ރުފިޔާ ނުލިބި ހުރިއިރު، މިއީ ޖުމްލަ ނުލިބި ހުރި އަދަދުގެ 70 އިންސައްތަ އެވެ. ކުލި ނުދައްކާ ހުރީ ހަމައެކަނި ހިޔާ ފްލެޓުގައި އުޅޭ މީހުން އެކަންޏެއް ނޫނެވެ. ހުޅުމާލޭ ފޭސް އެކެއްގެ ފްލެޓްތަކުން 230 މިލިއަން ރުފިޔާ ނުލިބި ހުރިއިރު، މިއީ ފްލެޓަށް ލިބެން ޖެހޭ ކުލީގެ 26 އިންސައްތަ އެވެ. އަދި ވީނާރެސް ފްލެޓްތަކުން 37 މިލިއަން ރުފިޔާ ނުލިބި ހުރިއިރު، މިއީ މި ފްލެޓްތަކަށް ލިބެން ޖެހޭ ފައިސާގެ 4 އިންސައްތައެވެ.
މިއީ ހިތާމަވެރި ކަމެވެ. މިއީ ހިތާމަ އެކެވެ. ކުލި ނުދެއްކުމުން ގިނަ ބައެއްގެ ބޯހިޔާވަހިކަން ގެއްލޭ ހިސާބަށް ދާނަމަ މިއީ ގެއްލުން ބޮޑު ކަމެކެވެ.
