އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެެއްގައި މެޑިކަލް ޓެސްޓުތައް ހެދޭނެ: ރައީސް

އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެެއްގައި މެޑިކަލް ޓެސްޓުތައް ހެދޭނެގޮތް ހައްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ށ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅުގެ ނޫމަރާއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު މިއަދު ވިދާޅުވީ ނޫމަރާގެ ރައްޔިތުން އެހެން ރަށްރަށަށް ބޭސިކް ޓެސްޓުތައް ހަދަން ދާންޖެހޭ ޖެހުން ނިމުމަކަށް ގެނެސްދީ، ނޫމަރާގެ ހެލްތު ސެންޓަރުގައި ލެބޯރެޓަރީ ހިދުމަތް ވަރަށް އަވަހަށް، ތަކެތީގެ ގޮތުންނާއި، މުވައްޒަފުންގެ ގޮތުން ހަމަޖައްސައިދެއްވާނެ ކަމަށެވެ،
އަދި މެޑިކަލް ޓެސްޓުތައް ނެހެދޭ އެހެން ރަށްރަށުގައި ވެސް އެ ޓެސްޓުތައް ހެެދޭނެގޮތް ހައްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މި ދެންނެވިހެން، މި އަންނަ އަހަރުގެ ނިޔަލަށް ދާއިރުގައި ނުހުންނާނެ، ހަމަ ޔަގީން އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ނިމޭއިރަކު ނުހުންނާނެ ރާއްޖޭގައި އެންމެ ރަށެއްވެސް، އެ ރަށުގެ ނިސްބަތުން، އެ ރަށުގައި ހެދޭނެ ޓެސްޓުތައް، އެ ޓެސްޓުތައް ހެދޭނެގޮތް ގާއިމުނުކުރާ ރަށެއް ނުހުންނާނެ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މެޑިކަލް ޓެސްޓުތައް ހެދުމުގެ ހިދުމަތް ދޭނީ ހެލްތު މިނިސްޓްރީން ކަނޑައަޅާ ސްޓޭންޑަޑެއްގެ ދަށުން ކަމަށެވެ.
"އެ ޔަގީންކަން އަޅުގަނޑު ހަމަ ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ދެން. އެއީ، އަޅުގަނޑު ކުރިންވެސް ދިން ޔަގީންކަމެއް."ރައީސް ވިދާޅުވި އެވެ.