ބިލެތްފަހީގައި އެއާޕޯޓް އަޅަން ބިން ހިއްކަން ހަވާލުކޮށް އަމަލީ މަސައްކަތް ފަށައިފި

ށ. ބިލެތްފަހީގައި އެއާޕޯޓް އަޅަން ބިން ހިއްކަން ހަވާލުކޮށް އެކަމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް މިއަދު ފޭއްޓެވި ދަތުރުފުޅުގައި ބިލެތްފައްސަށް ވަޑައިގަތުމާ ގުޅިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކުރީ އެމްއޭސީއެލް ކުންފުންޏާ އެވެ.
އެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް އެވެ. އަދި ފިނޭންސް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުޝާމް އަލީ އެވެ.
އަދި އެ މަޝްރޫއުގައި ސޮއިކުރުމާއެކު ބިން ހިއްކުމުގެ އަމަލީ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.
އެ މަސައްކަތާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެ އެވެ.
ބިލެތްފަހީގައި އެއާޕޯޓެއް އަޅަން ނިންމިއިރު ށ. އަތޮޅުގެ އިރުމައްޗަށް އޮންނަ ފުނަދޫގައި މިހާރު ވެސް އެއާޕޯޓެއް އޮވެއެވެ. ބިލެތްފަހި އޮންނަނީ ށ. އަތޮޅުގެ ހުޅަނގަށެވެ.
ރައީސް މުއިއްޒު އިއުލާން ކުރައްވާފައިވާ ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުން ދަތުރުކުރާއިރު ދަތުރުކުރާ ރަށާއި 30 މިނެޓް ކައިރީގައި އެއާޕޯޓެއް ހުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ.
