މާދަމާއިން ފެށިގެން ލައްކާއަށްދާ ދިވެހީން އިލެކްޓްރޯނިކް އޮތޮރައިޒޭޝަން ހޯދަން ޖެހޭނެ

ސްރީލަންކާގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން މާދަމާއިން ފެށިގެން އެ ގައުމަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކު އެތެރެވުމުގެ ކުރިން "އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީޓޭއޭ)" އެއް ހޯދަންޖެހޭ ގޮތަށް ސްރީލަންކާގެ އިމިގްރޭޝަނުން ހަމަޖައްސާފައިވާތީ އެކަން ކުރަން ރާއްޖޭގެ ފޮރިން މިނިސްޓްރީން ދިވެހީންނަށް ގޮވާލައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ ބަދަލު ގެނަޔަސް ލަންކާއިން ދިވެހިނަށް ވިސާ ދިނުމަށް ހަމަޖެހިފައިވާ އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށެވެ.
ސްރީލަންކާއަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކުވެސް އީޓޭއޭ ހޯދުމަށް ވެބް ލިންކެއް މެދުވެރިކޮށް، ފުރުމުގެ 48 ގަޑިއިރާއި 24 ގަޑިއިދާ ދެމެދު ފޯމެއް ފުރިހަމަކުރަން ޖެހެއެވެ.
"އެހެންކަމުން ސްރީލަންކާއަށް ދަތުރުކުރައްވާ ފަރާތްތަކުން، ސްރީލަންކާއަށް ދަތުރުކުރެއްވުމުގެ ކުރިން ސްރީލަންކާގެ "އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (ETA) ފޯމް ފުރުއްވުމަށް އިލްތިމާސް ކުރަމެވެ." ފޮރިން މިނިސްޓްރީން ބުންޏެވެ.
ބޭސް ފަރުވާއާއި ޗުއްޓީ ހޭދަކޮށްލުމަށާއި އަދި ތައުލީމީ ކަންކަމަށް ގިނަ އަދަދެއްގެ ދިވެހީން އަބަދުވެސް ލަންކާއަށް ދަތުރުކުރެ އެވެ.
