އައްޑޫ ސިޓީން ފޭދޫ ވަކިވާކަށް ނުފެނޭ: މެންބަރު ނިޒާރު

އައްޑޫ ސިޓީގެ ފޭދޫ ވެސް ހިމެނޭ ގޮތަށް ތިން ރަށެއްގައި ރަށު ކައުންސިލް ހެދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓާ ދިމާކޮށް ފޭދޫން ރަށު ކައުންސިލެއް ހަދަން ނުފެންނަ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު އިއްޔެ ވިދާޅުވެއްޖެ އެވެ.
މަރަދޫފޭދޫއަށް އުފަން ނިޒާރު ރައްޔިތުންގެ މަޖިލީހުގައި ތަމްސީލްކުރައްވާ ފޭދޫ އުތުރު ދާއިރާ އަކީ މަރަދޫފޭދޫއާއި ފޭދޫގެ އުތުރު އަވަށް ހިމެނޭ ގޮތަށް އެކުލަވާފައިވާ ދާއިރާއެކެވެ.
ނިޒާރު ފޭސްބުކްގައި ލިއުއްވި ގޮތުގައި މިހާރު އޭނާއަށް ގަބޫލުކުރެވެނީ އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތައް ނުވަތަ ރަށްތައް އެ ސިޓީ ކައުންސިލްގައި އެއްކޮށް ތިބެން ޖެހޭ ކަމަށެވެ.
އެ ރަށްތަކަކީ އޭނާގެ އުފަން ރަށް މަރަދޫފޭދޫއާއި އެ ރަށާ އެއްފަސްގަނޑަކަށް އޮންނަ މަރަދޫ އާއި، އޭނާ ތަމްސީލްކުރައްވާ ދާއިރާގައި ހިމެނޭ ފޭދޫއާއި ވެރިރަށް ހިތަދޫ އެވެ.
ނިޒާރުގެ ޕޯސްޓަގައި ވަކިން އޮންނަ ހުޅުދޫ އާއި މީދޫއާ ގުޅޭ ގޮތުން ނިޒާރު ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.
"އައްޑޫ ސިޓީ މިހާރު އެކުލެވިފައިވާ ގޮތް ބަދަލުވީމައި އެއިން ލިބޭ ކުރިއެރުމާއި ލިބޭ ނިކަމެތިކަން އަދި ފެންމަތިވެދާނެ ގިނަ ކަންކަމަށް ރިއާޔަތްކޮށް އަޅުގަނޑު ވާނީ އައްޑޫ ގުޅިފައިވާ އަވަށްތައް އެކީގައި އޮތުމަށް އަޅުގަނޑަށް ފެންނަ ކަމަށް ދަންނަވާފައި،" އޭނާ ވިދާޅުވި އެވެ.
އޭނާ މި ގޮތަށް ގަބޫލުކުރެއްވި ނަމަވެސް އަންނަ ހޮނިހިރު ދުވަހު ބާއްވާ ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން ނިންމާ ކޮންމެ ނިންމުމަކަށް އިހުތިރާމުކުރައްވާނެ ކަމަށް ވެސް ލިއުއްވި އެވެ.
ފޭދޫ އައްޑޫ ސިޓީއާ ވަކިވާން ނިޒާރު ތާއީދުނުކުރައްވާ އިރު ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ތާއީދުކުރައްވަނީ ފޭދޫގައި ވަކި ރަށު ކައުންސިލެއް ހެދުމަށެވެ.
އަންނަ ހޮނިހިރު ދުވަހު މި ވޯޓު ނަގާނީ އައްޑޫ ހުޅުދޫ އާއި މީދޫ އަދި ފޭދޫގައި އެކަންޏެވެ. އެއީ މި ކަމަށް ސަރުކާރުގައި އެދިފައިވަނީ އެ ރަށްރަށުގެ ބައެއް ފަރާތްތަކުންނެވެ.
އައްޑު އަތޮޅުގެ ހުރިހާ ރަށެއް އެއް ސިޓީ ކައުންސިލެއްގެ ދަށުން ހިންގާތާ 10 އަހަރުވީ އެވެ. އެއީ 2011ވަނަ އަހަރު ބޭއްވި ރާއްޖޭގެ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބާއެކީ އެ އަތޮޅު ލާމަރުކަޒީ އުސޫލުން ހިންގަމުން އަންނަ ގޮތެވެ.