ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ޓީޗަރު 30 ދުވަހަށް ބަންދުކޮށްފި

ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ޓީޗަރު 30 ދުވަހަށް ބަންދުކޮށްފި އެވެ.
އިތުބާރުކުރެވޭ މަގާމެއްގައި ހުރި ދިވެހި ފިރިހެނަކު 13 އަހަރުގެ އަންހެން ކުއްޖަކަށް ހުޅުމާލޭގައި ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހުގެ ރެ އެވެ. އަދި އެ މައްސަލައާ ގުޅިގެން 46 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކުރީ އިއްޔެ އެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ،
ނަމަވެސް އޭގެ ތަފްސީލެއް ފުލުހުން ނުދެއެވެ.
އެނގިފައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ޓީޗަރެކެވެ. އަދި ޖިންސީ ގޯނާ ކުރީ ޓީޗަރު ކުއްޖާގެ ގެއަށް ޓިއުޝަންދޭން ގޮސް އުޅެމުން ނެވެ.
އެ މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަކި އެއްޗެއް އަދި ނުބުނެ އެވެ.
ޓީޗަރުން ދަރިވަރުންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް މީގެ ކުރިން ވެސް ހިނގާފައި ވެއެވެ.