ވަގަށް ނެގި ސިނގިރެޓް ކޮންޓޭނަރު ގެންދިޔަ ދޯނީގެ ކެޕްޓަން ހައްޔަރުކޮށްފި

މިދިޔަ އޭޕްރީލް މަހު ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް 13.6 މިލިއަން ސިނގިރެޓްތައް ބަހައްޓާފައި ހުރި ދެ ކޮންޓޭނަރު ވަގަށް ނަގައިގެން ގެންދިޔަކަމަށް ބެލެވޭ ދޯނީގެ ކެޕްޓެންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
ހުޅުމާލެ އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުރި 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި އެ ސިނގިރޭޓުތައް ގެއްލުނު މައްސަލާގައި މި މަހުގެ 14 ވަނަ ދުވަހު އެންމެ ފުރަތަމަ ހައްޔަރުކުރީ ހަތަރު މީހެކެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިގާ ގޮތުން އެ މައްސަލައިގައި އެ ކޮންޓޭނަރުތައް ގެންދިޔަކަމަށް ތުހުމަތުކުރެވޭ ދޯނީގެ ކެޕްޓަން ވެސް މިއަދު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ނ. މިލަދޫ/ ކެނެރީގޭ/ އާދަމް ވަހީދު (54އ.) އެވެ.
އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ހަތް ދުވަސްވެސް ޖަހައިފަ އެވެ.
ބަންދު އަމަރުގައިވާ ގޮތުން ތުހުމަތުކުރެވޭ އާދަމްގެ މައްޗަށް ކޮންމެވެސް މިންވަރަކަށް ހެއްކާއި ގަރީނާ ހުށަހަޅާފައި ވެއެވެ. އެގޮތުން ކަސްޓަމްސްގެ ސިޓީއާއ،ި އިންޓެލިޖެންސް ރިޕޯޓުގައިވާ ކަންކަމަށް ބާރުލިބިދެވޭ ގޮތަށް ހުށަހެޅިފައިވާ ހެއްކެއްގެ ބަޔާނާއ،ި ސީނަށް ދިޔަ ފުލުހެއްގެ ބަޔާނާއި އިތުރު ލިޔެކިޔުންތައް ހުށަހެޅިފައިވާކަމަށް އަމުރުގައި ބުނެފައި ވެއެވެ.
އެ މައްސަލައިގައި އިތުރަށް ހައްޔަރުކުރި މީހުންގެ ތެރޭގައި
- ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)
- އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)
- ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒް އަލީ
- ކަސްޓަމަސްގައި މިހާރު މަސައްކަތް ކުރަމުންދާ ސީނިއާ މުވައްޒަފު، ޒިވާރު އިސްމާއިލް
އެ އެންމެވެސް މި ވަގުތު ތިބީ ބަންދުގެ މުއްދަތު ޖަހައިފަ އެވެ.
ވަގަށް އެެތެރެކުރި 13.6 މިލިއަން ސިނގިރެޓް އަތުލައިގަތީ ކަނޑުމަގުން ގެނައި ފްލައިވުޑް ޝިޕްމެންޓެއް ކަސްޓަމްސްއިން ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ.
ވަގަށް އެތެެރެކުރި ބްރޭންޑްތަކުގެ ސިނގިރޭޓަށް ޑިއުޓީދައްކަން އާންމުކޮށް ކަނޑައަޅާ އަގުތަކަށް ބަލާއިރު، އެތަކެތީގެ އަގު 122 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެ އެވެ.
މިދިޔަ އަހަރު ނިމެން އުޅެނިކޮށް ފާސްކުރި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނުނުގެ އާ އިސްލާހުތަކާއެކު ދުންފަތުގެ ބާވަތްތަކުން ޓެކްސް ވަނީ ވަރަށް ބޮޑުތަނުން ބޮޑުކޮށްފަ އެވެ. އެހެންވެ ޓެކްސް ނުދައްކަން ވަގަށް ސިނގިރެޓް އެތެރެކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ.
