އައްޑޫގެ ރިފަރެންޑަމްގެ ވޯޓުލުން ފަށައިފި
އައްޑޫ މީދޫއާއި ހުޅުދޫ އަދި ފޭދޫގައި ވަކިވަކި ކައުންސިލެއް އުފެއްދުމާ މެދު އެ ތިން ރަށުގެ ރައްޔިތުންގެ ފެންނަ ނުފެންނަ ގޮތް ބެލުމަށް ކުރިއަށްގެންދާ އިންތިޚާބުގެ ވޯޓް ނެގުން ފަށައިފިއެވެ.
ވޯޓްލުން ފެށުމަށް ތާވަލްކޮށްފައި ވަނީ ހެނދުނު 8:00ކަމުގައިވީ ނަމަވެސް އެ ގަޑީގައި ވޯޓްލުން ފެށިފައެއް ނުވެއެވެ. ވޯޓް ފޮށިތައް ބަންދުކުރުމަށް ތާވަލް ކުރެވިފައި ވަނީ ހަވީރު 4:00އަށެވެ. މި އިންތިޚާބުގައި 9،576 މީހަކަށް ވޯޓްލުމުގެ ޙައްޤު ލިބެއެވެ. އެއީ:
- ހުޅުދޫ - 2،874 މީހަކަށް
- މީދޫ - 2،347 މީހަކަށް
- ފޭދޫ - 4،355 މީހަކަށް
މި އިންތިޚާބުގައި ވޯޓްލުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މާލެއާއި މީދޫއާއި ހުޅުދޫ އަދި ފޭދޫގައި ޖުމްލަ 18 ވޯޓް ފޮއްޓެއް ބަހައްޓައިފައެވެ. އެއީ މާލޭގައި ދިރިއުޅޭ އެ 3 ރަށުގެ މީހުން ވޯޓްލުމަށް 7 ފޮށި، ހުޅުދޫގައި 3 ފޮށި، މީދޫގައި 3 ފޮށި އަދި ފޭދޫގައި 5 ފޮއްޓެވެ.
ވޯޓްލުމުގެ ސުންގަޑި ހަމަވުމުން ހުރިހާ ފޮއްޓެއްގެ ވޯޓުގުނައި ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަމަށާއި ދާއިމީ ނަތީޖާ މާދަމާ ޢިއުލާން ކުރާނެކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައިވެއެވެ.
