ޤަވައިދާ ޚިލާފަށް އުޅެމުންދިޔަ 14 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
ޤަވައިދާ ޚިލާފަށް އުޅެމުންދިޔަ 14 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިއްޔެ ހަވީރު ހުޅުމާލެ ފޭސް 1ގެ އިންޑަސްޓްރިއަލް ސަރަހައްދުގައި އިމިގްރޭޝަންގެ ޓާސްކްފޯސްއިން ހިންގި އޮޕަރޭޝަނެއްގައި އެ ސަރަހައްދުގައި ހިންގާ ގަރާޖުތަކެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އެ ގަރާޖުތަކުން ޖުމްލަ 69 ބިދޭސީއަކު ޗެކްކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ.
އިމިގްރޭޝަންއިން ބުނެފައި ވަނީ މި އޮޕަރޭޝަންތަކުގައި ޢާންމުކޮށް ފާހަގަ ކުރެވަނީ، ބިދޭސީ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ވިޒާއެއް އޮތް ނަމަވެސް، ދޫކޮށްފައިވާ ވިޒާ ނުވަތަ ހުއްދައިގެ ބޭރުން އެހެން ތަނެއްގައި މަސައްކަތްކޮށް ނުވަތަ ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރަމުން ގެންދާކަމަށެވެ. މިގޮތަށް މަސައްކަތް ކޮށްގެން އާމްދަނީ ހޯދުމާއި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިތައް ކޮށްގެން ބޮޑެތި މާލީ މަންފާތައް ބިދޭސީން ހޯދާކަން ފާހަގަ ކުރެވިފައިވާކަމަށް ވެސް އިމިގްރޭޝަންއިން ބުނެއެވެ.
ޤަވައިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ އިރު މިފަދަ ބިދޭސީ މަސައްކަތްތެރިންނާމެ މެދު އިހުމާލުވާ ފަރާތްތަކާ މެދު ވެސް ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އިމިގްރޭޝަނާއި ކަމާ ގުޅުން ހުރި އިދާރާތައް ގުޅިގެން ދަނީ ކުރަމުންނެވެ. އެހެންކަމުން ވަޒީފާދޭ ފަރާތްތަކުންނާއި ބިދޭސީ މަސައްކަތްތެރިން އަދި ޢާންމު ރައްޔިތުން މި ކަމުގައި ޒިންމާދާރު ގޮތެއްގައި ޢަމަލު ކުރުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

