ޚަބަރު

އިމިގްރޭޝަންއިން އަނެއްކާވެސް ވޯކްއިން އިންޓަވިއުތަކެއް، މި ފަހަރު 70 ވަޒީފާ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އިމިގްރޭޝަންގެ ވޯކްއިން އިންޓަވިއުތަކަކަށް ބަޔަކު ކިޔު ހަދާފައި--

އިމިގްރޭޝަންއިން 70 ވަޒީފާއަކަށް ކުރިމަތިލާން ހުޅުވާލައި އެ ވަޒީފާތަކަށް މީހުން ނަގަން އަނެއްކާވެސް ވޯކްއިން އިންޓަވިއުތަކެއް ބާއްވަން ނިންމައިފި އެވެ.

އިމިގްރޭޝަންއިން އެކްސްގައި މިއަދު ބުނީ އަނެއްކާވެސް ވޯކް-އިން އިންޓަވިއުތަކެއް ބާއްވަން ނިންމީ ކުރީ ފަހަރު ލިބުނު ހޫނު ތަރުހީބާ ގުޅިގެން ކަމަށެވެ.

އެ އިންޓަވިއުތައް ކުރިއަށް ގެންދަން ނިންމާފައިވަނީ އަންނަ ހޯމަ ދުވަހު ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ސަލާހުއްދީން ސްކޫލުގަ އެވެ. އެއީ ހެނދުނު 08:30 އިން ހަވީރު 04:30 އަކަށެވެ.

އިމިގްރޭޝަންއިން ހުޅުވާލީ  އިމިގްރޭޝަން އޮފިސަރު ޓްރެއިނީގެ މަގާމަށެވެ. އެ މަގާމަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 10،275 ރުފިޔާ ލިބޭނެ އެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އޯ ލެވެލް އިމްތިހާނުގައި ދެ މާއްދާއިން ދަށްވެގެން ޑީ ފާސް ލިބުމާއެކު ސެކަންޑްރީ ސްކޫލު ނުވަތަ ހަޔާ ސެކެންޑްރީ އިމްތިހާނުގައި ދިވެހިން ދަށް ވެގެން ސީ ފާސް ލިބިފައިވުން ހިމެނެ އެވެ.

އެންމެ ފަހުން އިމިގްރޭޝަންއިން ވޯކް އިން އިންޓަވިއުއެއް ބޭއްވީ މިދިޔަ މޭ މަހު އެވެ. 50 މުވައްޒަފުން ނަގަން އެ ފަހަރު ބޭއްވި ވޯކް އިން އިންޓަވިއުއަށް 900 އަށް ވުރެ ގިނަ މީހުން ދިޔަ އެވެ.

Ads by HDC