ޚަބަރު

ޅޮއްސަފުށި ކުރެންދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސައިދޭނަން؛ ރައީސް

ފާތިމަތު އިރުޝާ ، ދެން އޮންލައިން
ރައީސް އޮފީސް

ޅ. ކުރެންދޫ ކައިރީގައިވާ ޅޮއްސަފުއްޓަކީ ކުރެންދޫ ރައްޔިތުން އެދޭގޮތަށް އެ ރަށުގެ ބައެއްގެ ގޮތުގައި ހައްދަވައި ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސުލްޖުމްހޫރިއްޔާ މިއަދު ކުރެންދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ކުރެންދޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބިމުގެ ދަތިކަންކަމަށެވެ. އެހެންކަމުން އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ކުރެންދޫގެ ބިމުގެ ދަތިކަން ހައްލުކޮށް ދެއްވުމަށް ކަމަށާއި އެ ރަށުގެ ކައިރީގައިވާ ޅޮއްސަފުއްޓަކީ އެ ރަށުގެ ބައެއްގެ ގޮތުގައި ހައްދަވައި ދެއްވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

" ރައްޔިތުންނަށް ދަންނަވާފައި ވާނެ މިތާކައިރީގައި އޮތް ޅޮއްސަފުށި މި ރަށުގެ ބަޔަކަށް ހެދުމަށް މަސައްކަތް ކޮށްދޭނެކަމަށް. އެ މަސައްކަތް ކުރަމުން މިދަނީ. އެނގިވަޑައިގަންނަވާނެ ފަދައިިން އެ ރަށަކީ ކުރީގެ ސަރުކާރުން އެހެން މަޝްރޫއުއެއްގެ ބޭނުމަކަށް ހަވާލުކޮށްފައި އޮތް ރަށެއް. އެހެންވީމާ އެފަރާތުން 2 ޕާޓީއަކާ އެކު އެގްރިމަންޓް ހަދާފައި އޮތް ރަށަކަށް ވާތީ އެގްރިމަންޓްގެ ޓާމްސްތަކާއި ޤާނޫނުތަކާއި ޤަވައިދުތަކުގެ ތެރެއިން އެރަށް ދައުލަތަށް ގެއްލުން ނުވާގޮތަށް ނަގާ ތިބޭފުޅުންނަށް އަޅުގަނޑު ދެންނެވި ފަދައިން ހަވާލުކުރުމުގެ މަސައްކަތް އެބަ ކުރިއަށްދޭ." ރައީސް ވިދާޅުވިއެވެ.

މިދަތުރުފުޅުގައި ރައީސް ވަނީ ކުރެންދޫގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ފައްޓަވައިދެއްވައިފައެވެ. އޭގެތެރޭގައި ކުރެންދޫ ފުލުހުންގެ މަރުކަޒުގެ އިމާރާތުގެ ޢަމަލީ މަސައްކަތާއި ބަނދަރު ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތާއި އަދި ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ވަނީ ފައްޓަވައިދެއްވައިފައެވެ.

ކުރެންދުއަށް ފަހު އެމަނިކުފާނު ވަޑައިގަތުމަށް ދެން ހަމަޖެހިފައި ވަނީ ހިންނަވަރަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!