ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ އަންނަމަހު ބޮޑުވާނެ: ރައީސް
ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން އެއްވަނަ ދަރަޖައިގައި ގިންތިކޮށް އަންނަމަހު 1އިން ފެށިގެން މުސާރަ ބޮޑުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޅ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ކުރެންދޫ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ސަރުކާރުން އިޢުލާންކޮށްފައި އޮތް ގޮތަށް ނޮވެމްބަރ 1ފެށިގެން ސިވިލް ސަރވިސް ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ މުވައްޒަފުންނާއި އަދި ކައުންސިލްތަކުގެ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ވެސް ބޮޑުވާނެކަމަށެވެ. އަދި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން އެއްވަނަ ދަރަޖައަށް ގިންތިކޮށް ނޮވެމްބަރ މަހުން ފެށިގެން މުސާރަ ބޮޑުވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ނޮވެމްބަރ 1އިން ފެށިގެން ސިވިލް ސަރވިސް މުވައްޒަފުންގެ ޕޭ ހާމަނައިޒްކުރެވި މުސާރަ ބޮޑުވާއިރު ކައުންސިލް މުވައްޒަފުންގެ ވެސް ޕޭ ހާމަނައިޒްވާއިރު އެއް ގިންތިއަކަށް 4އިން 3އަކަށް ނޫން. 4އިން އެއްވަނަ ގިންތިއަށް ހުރިހައި ކައުންސިލްގެ އިދާރީ މުވައްޒަފުން ވެސް މަތިކޮށްލައިދޭނަން. އެހެންވީމަ ކައުންސިލްތަކުގައި މަސައްކަތްކުރާ ހުރިހައި އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނީ އެގޮތުން. އެއީ ނޮވެމްބަރ މަހުގެ މުސާރަ. މާނައަކީ ނޮވެމްބަރ މަހުގެ މުސާރަ ،މަސް ނިމޭއިރު ލިބޭއިރުގައި ލިބޭނީ އެގޮތަށޭ" ރައީސް ވިދާޅުވިއެވެ.
ޅ. އަތޮޅުގެ ދަތުރު ނިންމަވައިލެއްވުމަށް ފަހު އެމަނިކުފާނު ދެން ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ކ. އަތޮޅަށެވެ.
