ޚަބަރު

ޖޭއެސްސީއަށް ހުސްނީމުބާރިކް

ފާތިމަތު އިރުޝާ ، ދެން އޮންލައިން

ރަތްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑިޝަލް ސާވިސް ކޮމިޝަނަށް އައްޔަންކުރާ މެމްބަރަކަށް މަޖިލީހުގެ މަނަދޫ ދާއިރާގެ ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރު ހުސްނީ މުބާރިކް އައްޔަންކޮށްފިއެވެ.

Ads by MPL

މި މަގާމުގައި ކުރިން ހުންނެވި މެމްބަރު މާފުށި ދާއިރާގެ ޕީއެންސީގެ މެމްބަރު ހުސައިން ރިޒާ މި މަހުގެ 25 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމު އޮތީ ހުސްކޮށެވެ. އެހެންކަމުން އިއްޔެ މަޖިލީހުގެ ރިޔާސަތުން މެމްބަރުންނަށް އެ މަޤާމަށް އައްޔަން ކުރުމަށް ފެންނަ މެމްބަރެއްގެ ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިއެވެ. މިގޮތުން މެމްބަރު ހުސްނީގެ ނަން ހުށަހެޅުއްވީ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރ އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހެވެ. އެ ހުށަހެޅުމަށް ތާޢީދު ކުރެއްވީ ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު މުޙައްމަދު އައްބާހެވެ. ހުސްނީ އެ މަޤާމަށް އައްޔަން ކުރުމަށް މަޖިލީހުގެ ތަޅުމުގައި ނެގުނު ފެންނަ ނުފެންނަ ވޯޓުގައި 58 މެމްބަރުންގެ އިއްތިފާޤުން ނިންމީ މެމްބަރު ހުސްނީ މުބާރިކް ޖޭއެސްސީގެ ހުސްވެފައިވާ މެމްބަރުކަމުގެ މަޤާމަށް އައްޔަން ކުރުމަށް ފެންނަކަމަށެވެ.

ފަނޑިޔާރުންގެ ސްލޫކީ މައްސަލަތައް ބެލުމާއި ފަނޑިޔާރުން މަޤާމަށް އައްޔަން ކުރުމާއި ވަކިކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ޖޭއެސްސީއިންނެވެ.

Ads by HDC