އެޗްއާރުސީއެމްގެ މެންބަރުކަމަށް ޑރ. ރަމީލާ
ހިއުމަން ރައިޓްސް އޮފް ދަ މޯލްޑިވްސްގެ މެމްބަރުކަމަށް ޑރ. ޢާއިޝަތު ރަމީލާ އައްޔަންކުރައްވައިފިއެވެ.
އެޗްއާރުސީއެމްގެ މެންބަރުކަމަށް ޑރ. ރަމީލާ އައްޔަން ކުރައްވައިފައި ވަނީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 63 މެންބަރުންގެ އަޤުލަބިއްޔަތުންނެވެ. އެ ކޮމިޝަންގެ ރައީސްގެ މަޤާމުގައި މިހާރު ހުންނެވި މަރިޔަމް މުނާގެ މަޤާމުގެ މުއްދަތު ހަމަވާން ގާތްވުމާ ގުޅިގެން އެ މަޤާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށް ރައީސް އޮފީހުން ހުޅުވައިލެއްވި މި ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޑރ. ރަމީލާގެ ނަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވައިފައި ވަނީ މި މަހުގެ ދެވަނަ ދުވަހުއެވެ.
އެޗްއާރްސީއެމްގައި ޖުމްލަ 5 މެންބަރުން ތިއްބައެވެ. އެ ކޮމިޝަންގައި މިހާރު ތިއްބެވީ ރައީސް މަރިޔަމް މުނާ، ނައިބު ރައީސް މުޙައްމަދު ޝަފީޤް މަޙްމޫދު، މެންބަރު ސަމާއު އަޙްމަދު ނަޖީބާއި އިސްމާޢީލް ހަބީބް އަދި އަޙްމަދު މައުސޫމެވެ.
ޑރ. ރަމީލާ ކުރިން ހުންނެވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރުގެ މަގާމުގައެވެ. ނަމަވެސް އެ ކަމަނާގެ ޞިއްޙީ ޙާލުކޮޅު ހުރިގޮތުން މި ދިޔަ އަހަރުގެ ޑިސެމްބަރުމަހުގައި އެ ކަމަނާ ވަނީ އިސްތިއުފާ ދެއްވައިފައެވެ.
