ފްލެޓަށް ޑައުންޕޭމަންޓް ދެއްކުމަށް 14 ފަރާތަކަށް އެހީވަނީ
ސަރުކާރުންދޭ ފްލެޓުތަކުގެ ޑައުންޕޭމަންޓް ދެއްކުމަށް 14 ފަރާތަކަށް އެހީދިނުމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ނިންމައިފިއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ ސޯޝަލް ހައުސިންގގެ ތެރެއިން ފްލެޓުތައް ލިބިފައިވާ ބައެއް ފަރާތްތަކުން ސަރުކާރަށް ދައްކަން ޖެހޭ ޑައުންޕޭމަންޓް ދެއްކޭނެ ގޮތެއް ނެތިފައި ތިބިކަން ޒަކާތު ހައުސިންއަށް ފާހަގަ ކުރެވިފައިވާ ކަމަށާއި އެހެންކަމުން ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން 14 ފަރާތެއްގެ ފްލެޓުގެ ޑައުންޕޭމަންޓް ދެއްކުމަށް އެހީދިނުމަށް ނިންމައިފައިވާ ކަމަށެވެ. އެގޮތުން 14 ފަރާތަކުން ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭ 340،000 ރުފިޔާ ޒަކާތު ހައުސިންގއިން ދައްކައި ދޭނެކަމަށް ބުންޏެވެ. މިއީ ޒަކާތު ކައުންސިލްގެ މަޝްވަރާގެ މަތިން ނިންމާފައިވާ ނިންމުމެއްކަން ވެސް ޒަކާތު ހައުސްއިން ފާހަގަ ކުރިއެވެ.
ޑައުންޕޭމަންޓުގެ ގޮތުގައި ކަނޑައެޅިފައިވާ ފައިސާ ޖަމާކުރުމަށް ނިންމައިފައި ވަނީ ސީދާ އެކަމާ ގުޅުން ހުރި ސަރުކާރުގެ އިދާރާތަކަށްކަމަށް ޒަކާތު ހައުސްއިން ބުނެއެވެ. އަދި އެ ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތަށް އަންނަ ބަދަލުތަކަށް ބަލައި ރިޢާޔަތްކޮށް، ޙާލަތު ރިވިއުކޮށް ބެލެހެއްޓިގެން ދާނެކަމަށް ވެސް ޒަކާތު ހައުސްއިން ހާމަކުރިއެވެ.
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކަށް "ޒަކާތު ބެނެފެޝިއަރީ ކާޑެއް" ތަޢާރަފް ކުރުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ވެސް ޒަކާތު ހައުސްއިން ބުނެފަައި ވެއެވެ.

