އަންނަ އަހަރަށް 64 ބިލިއަން ރުފިޔާގެ އުންމީދީ ބަޖެޓެއް
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 64 ބިލިއަން ރުފިޔާގެ ބަޖެޓުން އުންމީދު ފެންނަ ބަޖެޓެކެވެ.
އަންނަ އަހަރަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ހުށަހެޅި ބަޖެޓަކީ 64,202,565,720 ހިމަނާފައިވާއިރު މި ބަޖެޓުން 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި އަންނަ އަހަރުގެ ބަޖެޓަކީ 55.0 ބިލިއަން ރުފިޔާ އެވެ.
ޒަމީރު ވިދާޅުވީ މިއީ 2021 ވަނަ އަހަރު ސަރުކާރުން އިޝޫކޮށްފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ އިތުރުން، އޭގެ ކުރިން އިޝޫކުރި 100 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑެއް އަނބުރާ ދައްކަން ހަމަޖެހިފައިވާތީ، ދަރަނި އަނބުރާ ދެއްކުމުގެ ޚަރަދު ބޮޑުވުމުގެ ސަބަބުން އައި އިތުރުވުމެއް ކަމަށެވެ.
"މި ސަރުކާރަށް ވާރުތަވި ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި މިއީ މި ހިނގާ 2025 ވަނަ އަހަރަށް ވުރެ ކުޑަ ބަޖެޓެއް. ނަމަވެސް މެދުރާސްތާގައި ދަރަނި އަނބުރާ ދެއްކުމުގެ ޚަރަދު ކުޑަވާނެކަމަށް ބެލެވޭތީ 2027 ވަނަ އަހަރު 56.8 ބިލިއަން ރުފިޔާ އަދި 2028 ވަނަ އަހަރު 57.0 ބިލިއަން ރުފިޔާއަށް ދައުލަތުގެ ބަޖެޓު ދަށްވާނެކަމަށް ލަފާކުރެވޭ،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުން 39.9 ބިލިއަން ރުފިޔާ ނުވަތަ ބަޖެޓުގެ 62 ޕަސެންޓް އެކަށައަޅާފައިވަނީ ރިކަރަންޓް ޚަރަދެވެ.
" މީގެ ތެރޭގައި ގިނަ ޒަމާންތަކަކަށްފަހު ދައުލަތުގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށް ހާމަނައިޒްކުރުން ހިމެނޭ. ތިޔަ އިއްޒަތްތެރި މަޖިލީހަށް އަޅުގަނޑު ހުށަހަޅާ ބަޖެޓު އަމާޒުކުރެވިފައިވަނީ ދިވެހިންގެ ދިރިއުޅުމަށް ފައިދާކުރާނެ ދާއިރާތަކަށް. އެއީ ތަޢުލީމާއި، ޞިއްޙަތާއި، ބޯހިޔާވަހިކަމާއި، ވަޒީފާ އަދި ދިރިއުޅުމުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ ދާއިރާތަކަށް. މީގެ އިތުރުން، އަންނަން އޮތް އެތައް އަހަރުތަކަކަށް ޤައުމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވާނެ އިޤްތިޞާދީ އިންޖީނުތަކަށްވެސް މި ބަޖެޓުގައި އިންވެސްޓްކުރުމަށް ހަމަޖެހިފައިވޭ. މި ބަޖެޓު ފަރުމާކުރެވިފައިވަނީ ދިވެހިންގެ އެތައް ޖީލުތަކެއްގެ ބޮލުގައި އެޅިފައިވާ ދަރަންޏަށް ލުއިކަން ގެނެސް، މާލީ ހަރުދަނާކަން އިތުރުކޮށް، ދިވެހިންނަށް ހަޤީގީ މާނާގައި ތަރައްޤީ ގެންނާނެ ގޮތަށް ވިސްނައިގެން،،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި އަންނަ އަހަރަށް ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރެވެނީ 31.3 ބިލިއަން ރުފިޔާ އެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 8.7 ބިލިއަން ރުފިޔާ. ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ 373.6 މިލިއަން ރުފިޔާއާއެކު، 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 40.3 ބިލިއަން ރުފިޔާ އެވެ.
"މިއީ 2025 ވަނަ އަހަރު ދައުލަތަށް ލިބޭނެކަމަށް މިހާރު އަންދާޒާކުރާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީއާ އަޅައިބަލާއިރު 6.6 ޕަސެންޓް އިތުރު އަދަދެއް. މީގެ އިތުރުން، މިއަހަރު ހުޅުވި ވެލަނާ އިންޓަރނޭޝަނަލް އެއަޕޯޓުގެ އައު ޓަރމިނަލް އަންނަ އަހަރު މުޅިން އޮޕަރޭޝަނަލައިޒްވެ، ރީޖަނަލް އެއަރޕޯޓުތައް އިތުރަށް ތަރައްގީވެ މުޅި ރާއްޖޭގައި ފަތުރުވެރިކަން ފުޅާވެގެން އަންނާނެކަމަށް ބެލެވޭ. މީގެ ސަބަބުން ޓީޖީއެސްޓީ، ގްރީން ޓެކްސް، އެއަރޕޯޓު ޓެކުހާއި ފީ ކުރިއަރާނެކަމަށް އަންދާޒާކުރެވޭ. މިގޮތުން، ރާއްޖެއަށް ޒިޔާރަތްކުރާ ފަރުތުވެރިން އިތުރުވުމާއެކު އެއަރޕޯޓު ތަރައްގީކުރުމަށް ނެގޭ ފީގެ މަތީ ރޭޓުގެ ފުރިހަމަ އަސަރު އަންނަ އަހަރުގެ ތެރޭގައި ފެނި، އެއަރޕޯޓު ތަރައްގީކުރުމަށް ނެގޭ ފީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭ،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އާމްދަނީ އިތުރުކުރުމަށްޓަކައި އާމްދަނީގެ ސިޔާސަތަށް ބަދަލު ގެނައުމަށް ހުށަހަޅާފައެއެއް ނުވާނެ އެވެ. އެހެން ނަމަވެސް، ޓެކްސް ތަންފީޒުކުރުމާއި ދައުލަތަށް ލިބެންޖެހޭ އާމްދަނީ ހޯދުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ޓެކުހާބެހޭ ޤާނޫނުތަކަށް ހުށަހަޅާފައިވާ އިސްލާހުތައް މި ބަޖެޓާއެކު ފާސްވުމަކީ، އާމްދަނީއިން އޭގެ ހެޔޮ ބަދަލެއް ފެނިގެންދާނެ ކަމެ ކެވެ.
2026 ގެ ބަޖެޓު
ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ - 40.4 ބިލިއަން
ޓެކުހުގެ އާމްދަނީ - 31.3 ބިލިއަން
ޖުމްލަ ހަރަދު - 49.2 ބިލިއަން
ފައިނޭންސިން ހޯދަން ޖެހޭ މިންވަރު - 26.3 ބިލިއަން
ބަޖެޓު ޑެފިސިޓަށް 8.8 ބިލިއަން ބޭރުންވޭ
މިނިސްޓަރު ވިދާޅުވި ގޮތުައި މި އަހަރު ދައުލަތުގެ ޖުމްލަ ބަޖެޓުގެ ގޮތުގައި 56.5 ބިލިއަން ރުފިޔާ ފާސްކުރި އިރު، މި އަހަރުގެ ނިޔަލަށް ދައުލަތުގެ ބަޖެޓު ހުންނާނެކަމަށް މިހާރު އަންދާޒާކުރެވެނީ، މި އިއްޒަތްތެރި މަޖިލީހުން ފާސްކޮށްދެއްވި އަދަދަށް ވުރެ ކުޑަ މިންވަރެއްގައި. އެއީ 56.5 ބިލިއަން ރުފިޔާ. މިއީ ހަރަދު ކުޑަކުރުމަށް އަޅުގަނޑުމެން އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ އެެވެ.
" 2025 ގެ ރިކަރަންޓު ޚަރަދުގެ ތެރެއިން އެންމެ ބޮޑު ދަށްވުމެއް ފާހަގަވަނީ މުސާރައާއި އެލަވަންސް އަދި ލޯނުގެ ހިދުމަތުގެ ޚަރަދަށް. ހަމަ އެހެންމެ، ޕޭ ހާމަނައިޒްކުރުމަށް ބަޖެޓުކުރި 500 މިލިއަން ރުފިޔާއިން މިއަހަރަށް ހިންގާނެ ކަމަށް މިހާރު ލަފާކުރެވެނީ 250 މިލިއަން ރުފިޔާ. މީގެ އިތުރުން، މި އަހަރަށް އިތުރުކުރުމަށް ހުށަހެޅި މުވައްޒަފުން ނެގުމުގެ ހުއްދަ ދިނުން ކޮންޓްރޯލްކުރުމާއި، މިދާއިރާއިން އެޅުނު އެހެން ފިޔަވަޅުތަކުގެ ސަބަބުން މުސާރައާއި އެލަވަންސަށް ހިނގާ ޚަރަދު ވަނީ ދަށްވެފައި.
2026 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޖުމުލަ ޚަރަދަކީ 49.2 ބިލިއަން ރުފިޔާ. މިއީ މި އަހަރަށް މިހާރު އަންދާޒާކުރާ ޖުމުލަ ޚަރަދަށްވުރެ 11 ޕަސެންޓް އިތުރު މިންވަރެއް،" ޒަމީރު ވިދާޅުި އެވެ،
