ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި އަޅުގަނޑުގެ ނަން އޮންނާނެ: ކުރީގެ ރައީސް ޔާމީން
 
                                                        2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ނަން އޮންނާނެކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން އިސްވެ ހުންނަވާ އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ފުރަތަމަ ޤައުމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެ އެމަނިކުފާނުގެ މައްޗަށް ކޮށްފައިވަނީ ސިޔާސީ ދައުވާތަކެއްކަމަށާއި ދެން އޮންނަ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި އެމަނިކުފާނުގެ ނަން އޮންނާނެކަމަށެވެ. އަދި މިހާރުގެ ސަރުކާރަށް ތާޢީދުކުރައްވާ ބޭފުޅުން އެމަނިކުފާނުގެ ނަން ވޯޓު ކަރުދާހުގައި ނޯންނާނެކަމުގެ ޔަޤީންކަން ދެމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑަށް ވަރަށް ޝުއަރ އަޅުގަނޑުގެ ކޭސްއާ ދޭތެރޭގަ.. ހަމަކަށަވަރުކަން ސަރުކާރަށް ތާޢީދުކުރާ އެކި ފަރާތްތަކުން ދެމުން އެ އަންނަނީ، ރައީސް ޔާމީންގެ ނަމެއް ވޯޓް ކަރުދާހުގައެއް ނޯންނާނެއޭ.. އެހެންވެއްޖިއްޔާ އެ ވޯޓު ކަރުދާސް ދިވެހިރާއްޖެއަކު ނޫން ޗާޕުކުރާނީ.. ރައީސް ޔާމީންގެ ނަން އިރާދަކުރެއްވިއްޔާ ވޯޓު ކަރުދާހުގައި އޮންނާނެ" ކުރީގެ ރައީސް ޔާމީން ވިދާޅުވިއެވެ.
ޑިމޮކްރަސީއެއްގައި މުއައްސަސާތަކުގެ އެންމެ ވަރުގަދަ ތަނަކަށް ވާނީ އަދުވެރިކަމާއި މިނިވަންކަމާއި އަދި އިންސާފުވެރި ފަނޑިޔާރުގެއެއް ކަމަށާއި މިއަދު މި ޤައުމުގެ ރައްޔިތުންގެ ބަދުނަސީބަކީ އެފަދަ ފަނޑިޔާރުގެއެއް މި ޤައުމުގައި ނެތުންކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ޕީއެންއެފް ވެގެންދާނީ ސަރުކާރު ޖަވާބުދާރީ ކުރުވާ، ރައްޔިތުންގެ މަސްލަހަތު ޙިމާޔަތް ކޮށްދޭނެ ޕާޓީއެއްގެ ގޮތުގައިކަމަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
"މި އުފަންވެގެން ދިޔައީ ވަރުގަދަ ޕާޓީއެއް. ސަރުކާރު ޖަވާބުދާރީ ކުރުވައި، އުފަންވެގެން މި ދިޔައީ ރައްޔިތުންގެ މަސްލަހަތު އެންމެ މަތީ ދަރަޖައަކަށް ހިމާޔަތް ކޮށްދޭނެ ޕާޓީއެއް." ޔާމީން ވިދާޅުވިއެވެ.
މި ޖަލްސާގައި ވަނީ އެ ޕާޓީގެ އެކި މަޤާމުތަކަށް ބޭފުޅުން އިންތިޚާބު ވެސް ކޮށްފައެވެ. މިގޮތުން ޕާޓީގެ ރައީސްކަމަށް ޔާމީން، ނައިބު ރައީސްކަމަށް ޒޭން އަދި ޑރ. ޖަމީލު އިންތިޚާބު ކުރެވުނެވެ.
 
   
 
 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
