ޚަބަރު

ފަނޑިޔާރުންގެ ކޮންމެ ބާރަކާއި ކޮންމެ ނިންމުމަކާ މެދު ސުވާލު ކުރެވޭނެ: އުއްތަމަ ފަނޑިޔާރު

ފާތިމަތު އިރުޝާ ، ދެން އޮންލައިން
ފޮޓޯ؛ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަބްދުލްޣަނީ މުޙައްމަދު

ފަނޑިޔާރުންގެ ކޮންމެ ބާރަކާ މެދު އަދި ކޮންމެ ނިންމުމަކާ މެދު ސުވާލު ކުރެވޭނެކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓަށާއި މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ސްޕްރީމް ކޯޓުގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ފަނޑިޔާރުކަމަކީ ވަރަށް މަތިވެރި މަސްޢޫލިއްޔަތެއްކަމަށާއި މި މަސްއޫލިއްޔަތު ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު އަދާކުރުމަކީ ކޮންމެ ފަނޑިޔާރެއްގެ ޢަޒުމަކަށް ހަދަންވާނެކަމަށެވެ. އަދި ޒިންމާ އަދާކުރަން ވާނީ މާތްﷲ އަންގަވާފައިވާ ގޮތަށް ފަރުވާކުޑަ ކުރުމެއް ނެތިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެހެންމެ، ފަނޑިޔާރުކަމުގެ މަސްޢޫލިއްޔަތު އަދާކުރުމުގައި ޤާނޫނީ ގޮތުން ލިބިގެންވާ ބާރުތައް ބޭނުންކުރަން ވާނީ ޤާނޫނީ އިމުގެ ތެރެއިންކަން ވެސް ފަނޑިޔާރުން ހަނދާނުގައި ބަހައްޓަންވާނެ ކަމެއްކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އަދި ކޮންމެ ބާރަކާމެދު، ކޮންމެ ނިންމުމަކާމެދު ﷲގެ ޙަޟްރަތުގައި ސުވާލުވެވޭނެކަމަށާއި އަދުލު އިންސާފު ޤާއިމުކުރުމަކީ އިލާހީ ރިސާލަތުގެ މައިގަނޑު އަސާސްކަމަށް ވިދާޅުވިއެވެ.

"ހަނދާންކުރަންވީކަމަކީ މިއިން ކޮންމެ ބާރަކީ ވެސް ސުވާލު ކުރެވޭނެ ބާރެއްކަން. މިއިން ކޮންމެ ބާރަކާ މެދު ތިޔަބޭފުޅުންނަށް ސުވާލުކުރެވޭނެ. ތިޔަބޭފުޅުންގެ ކޮންމެ ނިންމުމަކާ މެދު ސުވާލު ކުރެވޭނެކަން. އަބަދުވެސް އެކަން ހިތުގައި ބޭއްވުން ވަރަށް މުހިންމުކަމެއް." އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް ޢައްޔަން ކުރެއްވި 2 ފަނޑިޔާރުންގެ އިތުރުން 19 ބޭފުޅަކު ވަނީ ފަނޑިޔާރުކަމުގެ ހުވާ ކުރައްވާފައެވެ.