ޚަބަރު

ކަށިމިޔަރުގެ މަސްވެރިކަން ކުރަން ލައިސަންސް ދޭނީ އެންމެ 40 އުޅަނދަށް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މިޔަރު އުރަހަތަކެއް--

ކަށިމިޔަރުގެ މަސްވެރިކަން ކުރަން އެންމެ 40 އުޅަނދަށް ލައިސެންސް ދޭން ނިންމައި އެ މަސްވެރިކަން ރާވައި ހިންގުމާ ބެލެހެއްޓުމާ ބެހޭ ގަވައިދު ނެރެފި އެވެ.

Ads by STELCO

އަންނަ މަހުން ފެށިގެން ކަށި މިޔަރުގެ މަސްވެރިކަމަށް ހުއްދަދޭން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ އޮގަސްޓު މަހު އެވެ.

އަދި މިއަދު ފިޝަރީޒް މިނިސްޓްރީން ވަނީ އެކަމަ ބެހޭ ގަވައިދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ.

އެ ގަވައިދުގައި ބުނީ ކަށި މިޔަރުގެ މަސްވެރިކަމަށް ލައިސެންސް ދޫކުރާނީ ގިނަވަގެން 40 އުޅަނދަށް ކަމަށާއި އެއަށްވުރެ ގިނަ އަދަދަކަށް ލައިސެންސް ހޯދަން ހުށަހަޅައިފިނަމަ ހުއްދަ ދޭނީ ހުށަހަޅާ ފަރާތްތަކުގެ ތަރުތީބުން ކަމަށެވެ.

އެ ލައިސަންސް ދޫކުރާނީ ކޮންމެ އަހަރެއްގެ ނޮވެމްބަރުން ފެށިގެން އަހަރު ދުވަހުގެ ނިޔަލަށެވެ. އެއީ އަހަރަކަށް 2000 ރުފިޔާގެ ފީއަކާ އެކު އެވެ.

މިނިސްޓްރީން ލައިސެންސް ދޭ އުޅަނދުތަކުން މިނިސްޓްރީން ކަނޑައަޅާ މިންގަނޑަށް ފެތޭ ވެސެލް ލޮކޭޓިން ޑިވައިސްއެއް ހަރުކޮށް އަބަދުވެސް އޮންކޮށްފައި ހުންނަން ޖެހޭނެ އެވެ.

ގަވައިދުގައިވާ ގޮތުން ކަށި މިޔަރުގެ މަސްވެރިކަން ކުރެވޭނީ އަތޮޅު ދުނިން ބޭރުގެ ސަރަހައްދުތަކުގަ އެވެ. އަދި އެ މަސްވެރިކަން ކުރެވޭނީ މިނިސްޓްރީން ކަނޑައަޅާ އިއުލާން ކުރާ ގޮތެއްގެ މަތިން ކޮންމެ އަހަރަކު ހަތް މަސް ދުވަހަށް ވުރެ ގިނަ ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށެވެ.

Ads by Ooredoo