އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ބޮޑުތަނުން ތިރިވާނެ
އަންނަ 2026 ވަނަ އަހަރު ރާއްޖޭގައި މުދަލާއި ތަކެތީގެ އަގަށް އަންނަ ބަދަލު ނުވަތަ އިންފްލޭޝަން % 4.1 އިން %1.1 އަށް ތިރިވާނެ ކަމަށް ފިނޭންސުން ބުނެފި އެވެ.
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި މި އަހަރު ރާއްޖޭގެ އިންފްލޭޝަން ހުންނާނީ 4.1 ޕަސެންޓުގަ އެވެ. ނަމަވެސް އަންނަ އަހަރު މި އަދަދު ދަަށްވާނެ އެވެ.
މި އަހަރު އިންފްލޭޝަން މަތިވެފައިވަނީ ސަރުކާރުގެ ސިޔާސަތެއްގެ އޮޕަރޭޝަނަލް އަމާޒެއް ކަމަށްވާ ސިއްހަތަށް ގެއްލުންދޭ ކަންތައްތަކުން ރައްޔިތުން ދުރުކުރުމަށް ބާރު އެޅޭނެހެން ސިނގިރޭޓާއި ދުންފަތް އެކުލެވޭ ބާވަތްތަކުން ޑިއުޓީ ރޭޓަށް ގެނެވުނު ބަދަލާ ގުޅިގެންނެވެ. ނަމަވެސް މި ބަދަލު ނުހިމަނައި ބަލާނަމަ ރާއްޖޭގެ އިންފްލޭޝަން ހުރީ 1.4 ޕަސެންޓުގަ އެވެ.
ދުންފަތުގެ އަގަށް އައި ބަދަލު ނުވަތަ ބޭސް އިފެކްޓް ދާއިރު ކަރަންޓުގެ އަގު މިހާރު ދަށް ކުރެވިފައިވުމުން އަންނަ އަހަރު އިންފްލޭޝަން ދަށްވާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ރާއްޖޭގައި މުދަލުގެ އަގަށް އަންނަ ބަދަލު ބަލަނީ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ބޭނުންކޮށްގެންނެވެ. މި ހިސާބު ނަގަނީ ޢާއްމު ރައްޔިތަކު ބޭނުންކުރާ ގޭބިސީއަކަށް އެންމެ ބޮޑަށް ބޭނުންވާ އަދި ގަންނަން ޖެހޭ މުދާ އާއި ހިދުމަތް ހިމެނޭހެންނެވެ. މި ބާސްކެޓުގައި ކާނާގެ ބާވަތްތަކާއި ކަރަންޓު އަދި ދަތުރުފަތުރު އަދި ސިއްހީ ހިދުމަތް ހުންނާނީ ފިކްސް ކުރެވިފަ އެވެ. މިގޮތުން މީގެ ކޮންމެ މުދަލަކާއި ހިދުމަތަކަށް ވަކި އެއްޗެއް ކަނޑައެޅިފައިވާ ނިސްބަތެއް ނުވަތަ ވެއިޓެއް ދީފައިވެއެވެ. މި ނިސްބަތް ކަނޑައަޅަނީ ޢާއްމުކޮށް އެ ބާވަތަށް ހަރަދުކުރާ މިންވަރަށް ބަލައިގެންނެވެ. ރާއްޖޭގައި އެންމެ ބޮޑު ނިސްބަތެއް ދެވިފައިވަނީ ގެދޮރާއި ފެނާއި ކަރަންޓު އަދި ގޭހަށެވެ. މިގޮތުން ސީޕީއައި ބަލަނީ އިންފްލޭޝަން ހިސާބުކުރާ ބޭސް ލައިނެއް ނުވަތަ އަސާސީ ދުވަސްވަރު ވަރަކުންނެވެ. މިގޮތުން އަސާސީ ދުވަސްވަރެއްގެ ގޮތުގައި ބަލަނީ ނޮވެމްބަރު 2022 އެވެ.
