ނަސްރުގެ ދުވަހު ހަނދާން ކުރާ އެއް ކަމަކީ އިންޑިއާގެ މަދަދުވެރިކަން: ޔާމީން
މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން އެ ދުވަހު ހަނދާން ކުރާ އެއް ކަމަކީ އިންޑިއާގެ މަދަދުވެރިކަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ނަސްރުގެ ދުވަހާ ގުޅިގެން އެމަނިކުފާނު އެކްސްގައި މިއަދު ވިދާޅުވީ އެ ދުވަހު ހިނގި ކިތަންމެ ކަމެއް ހަނދާން ކުރަން ޖެހޭ ކަމަށެވެ.
އެ ގޮތުން ނަސްރުގެ ދުވަހަކީ އަވަށްޓެރި އިންޑިއާގެ މަދަދުވެރިކަން ދާއިމަށް ދިވެހިންނަށް ހަނދާންކޮށްދޭ ދުވަސްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ޔާމީން އިޝާރާތް ކުރެއްވި ކަމަކީ، 3 ނޮވެމްބަރު 1988ގައި ލަންކާގެ ތަމަޅަ ޓައިގަރުން ރާއްޖެއަށް އަރައި ހިންގި އުދުވާނުން ސަލާމަތްކުރަން އިންޑިއާ ސިފައިން ރާއްޖެ ފޮނުވައި ވެދިން އެހީތެރިކަމެވެ.
ޔާމީން އެފަދައިން ވިދާޅުވި އިރު އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތީ އެ ސިފައިން ބޭލުމަށް ގޮވާލައި "އިންޑިއާ އައުޓް" ގެ ނަމުގައި ބޮޑު ކެމްޕޭނެއް ވެސް މިދިޔަ ސަރުކާރުގެ ދުވަސްވަރު ހިންގި އެވެ.
އޭރުގެ ސަރުކާރުން އިންޑިއާގެ އަސްކަރީ އެހީ ހޯދުމަށް ގެންގުޅުނު ސިޔާސަތާ ޔާމިން ދެކޮޅު ވަނީ މިނިވަންކަމަށް އަސަރުކުރާ ގޮތަށް އެ އެއްބަސްވުންތައް އޮތް ކަމަށް ވިދާޅުވެ އެވެ.
މި ސަރުކާރުން އިންޑިއާ ސިފައިން ފޮނުވާލި ނަމަވެސް ސިފައިންގެ ބަދަލުގައި ސިފައިން ތިބި އަދަދަށް އެ ގައުމުގެ މަދަނީ ހިދުމަތްތެރިންތަކެއް ގެނައުމުން، ޔާމިން އަދިވެސް ގެންދަވަނީ އެ ވައުދު ނުފުއްދާ ކަމަށް ވިދާޅުވަމުންނެވެ.
މި ސަރުކާރު ހިންގާ ޕީއެންސީ ހިމެނޭ ގޮތަށް ޕީޕީއެމް ކޯލިޝަންގެ ލީޑަރެއްގެ ގޮތުގައި ހުންނެވުމަށް ފަހު ވަކިވެވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ލިބިވަޑައިގަތް ފަހުން ހިޔާލުތަފާތުވުން އުފެދި ދެ ބޭފުޅުންގެ ގުޅުން ގޯސްވުމުންނެވެ.
ރައީސް ޔާމީންގެ ޕޯސްޓުގައި ނަސްރުގެ ދުވަހަކީ ދިވެހިންގެ ލޭ އޮހޮރުވާލައި ވެރިކަން ބަދަލުކުރަން އުޅުނު ދުވަސްކަންވެސް ހަނދާންކޮށްދެއްވި އެވެ.
ރައީސް ޔާމީން ހަނދާންކޮށްދެއްވި އިތުރު ކަންކަން
- ނަސްރުގެ ދުވަހަކީ ސިފައިންގެ ވަރުގަދަ އަޒުމާއި ވަރުގަދަ ގުރުބާނީ ފާހަގަ ކުރެވުނު ދުވަސްކަން
- އެ ދުވަހަކީ ޒުވާން ޝަހީދު ހުސައިން އާދަމްގެ މަތިވެރި ޖިހާދުގެ ދުވަސްވެސް ކަން
- ގައުމު ދިފާއު ކުރުމުގައި އެންމެ އާދައިގެ ސިފައިންގެ ބޭކަލަކު މުޅި ސިފައިންގެ ލަޝްކަރަށް ފިލާވަޅު ނަގައިދިން ދުވަސްވެސް ކަން

