ހުޅުދޫއާއި މީދޫއަކީ ވަކި ދެ ރަށުގެ ގޮތުގައި ރައީސް ކަނޑައަޅުއްވައިފި
                                                        އައްޑޫ ސިޓީގައި އޮންނަ ހުޅުދޫ އާއި މީދޫ އަކީ ވަކި ދެ ރަށެއްގެ ގޮތުގައި ކަނޑައަޅައި، ސިޓީ ކައުންސިލުން ވަކިކޮށް، ވަކި ދެ ކައުންސިލެއްގެ ގޮތުގައި އުފެއްދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އެގޮތަށް ނިންމަވާފައި ވަނީ އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ފެނޭތޯ ބެލުމަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި، ސިޓީ ކައުންސިލުން ވަކިވެ، ވަކި ކައުންސިލެއް އުފައްދަން ބޭނުންވާކަމަށް މީދޫ އާއި ހުޅުދޫން ނިންމާފައިވާތީ އެވެ. އެ ވޯޓުގައި ފޭދޫން ނިންމީ ސިޓީ ކައުންސިލުގައި ދެމި އޮންނާށެވެ.
ރައީސް އޮފީހުން ބުނީ ހުޅުދޫ އާއި މީދޫ ރައްޔިތުން އެގޮތަށް ނިންމެވުމުން، އެ ދެ ރަށަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅައި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައަޅާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަށް އިސްލާހު ގެންނަވާފައިވާ ކަމަށެވެ.
އެގޮތުން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް އިސްލާހު ކުރައްވައި މިއަދު ޝާއިއުކޮށްފައިވާ ގަރާރުގައި، މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ "އައްޑޫ" އަކީ "އައްޑޫ ސިޓީ" ކަމުގައި ކަނޑައަޅައި، "އައްޑޫ ސިޓީ" ގައި ހިމެނޭނީ އައްޑުއަތޮޅު "ހިތަދޫ" އާއި، އައްޑުއަތޮޅު "މަރަދޫ" އާއި، އައްޑުއަތޮޅު "މަރަދޫފޭދޫ" އާއި، އައްޑުއަތޮޅު "ފޭދޫ" ކަމަށް ކަނޑައަޅުއްވާފައިވެ އެވެ.
އަދި "އައްޑޫ" ގެ އިހުތިސޯސްގެ ބައެއްގެ ގޮތުގައި އޮތް "ހުޅުދޫ" އާއި "މީދޫ" އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ރައީސް ވަނީ ކަނޑައަޅުއްވައިފަ އެވެ.
ރައީސް އޮފީހުން ކުރި އެހެން އިއުލާނެއްގައި ބުނެފައި ވަނީ އެ ގަރާރަށް ގެނެވުނު އިސްލާހާއެކު، ސ. އައްޑޫ މީދޫ ކައުންސިލް އުފެއްދުމަށާއި، "އައްޑޫ ހުޅުދޫ" ހިންގުމަށް ޓަކައި، އައްޑުއަތޮޅު/ ސ. އައްޑޫ ހުޅުދޫ ކައުންސިލް އުފެއްދުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.
މި އިސްލާހުތަކަށް އަމަލުކުރަން ފަށާނީ، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބެއްގައި އިންތިހާބު ކުރެވޭ ކައުންސިލްތަކުގެ އުމުރު ގުނަން ފަށާ ދުވަހުން ފެށިގެންނެވެ.
 
            
                    
            
                    
            
                    
            
                    