ޚަބަރު

ކަށިމިޔަރުގެ މަސްވެރިކަމަށް ފުރުސަތު ނުދޭން ގޮވައިލައި މަޖިލީހަށް ގަރާރެއް

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
މަޖިލިހުގެ ޖަލްސާއެއްގައި އައްބާސް ވާހަކަ ދައްކަވަނީ - ފޮޓޯ:މަޖިލިސް

ކަށިމިިޔަރުގެ މަސްވެރިކަމަށް ހުއްދަ ނުދިނުމަށް ގޮވައިލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

Ads by STELCO

މި ގަރާރު މަޖިލީހަށް ހުށަހަޅުއްވައިފައި ވަނީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްއެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ތާވަލުކޮށްފައިވާ އެ ގަރާރުގައި ބަޔާންކޮށްފައި ވަނީ، މިޔަރު އާއިލާގެ މަސްތަކަކީ ލަހުން ދަރިމައިވާ އަދި ލަހުން ބޮޑެތިވާ މަސްތަކަކަށްވެފައި، އެ ބާވަތުގެ މަސްތަކަކަކީ ވިހާ ފަހަރެއްގައި ވަރަށް މަދުން ވިހާ މަސްތަކަކަށް ވާތީ މިޔަރަކީ ދެ އުމުރުފުރާގެ ދޭތެރެ ދުރު ސްޓޮކުގެ އުފެއްދުންތެރިކަން ދަށް އެއްޗެއް ކަމަށެވެ.

އަދި، ކަށިމިޔަރަކީ ކަނޑުގެ ދިރުންތަކާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ދިރުމަކަށް ވާއިރު، މިޔަރުގެ މަސްވެރިކަން ހުއްދަ ކޮށްފި ނަމަ، އޭގެ ސަބަބުން ކަނޑުގައި އުޅޭ އެހެން ދިރުންތަކަށް އޭގެ ނުރަނގަޅު އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ. އަދި މަސްވެރި ކަމަށް ވެސް އޭގެ ސަބަބުން އަސަރު ފޯރާނެ ކަމަށް އެ ގަރާރުގައިވެ އެވެ.

އޭގެ އިތުރުން، މިޔަރުގެ މަސްވެރިކަން ހުއްދަ ކޮށްފިނަމަ، މިޔަރުގެ ބާވަތްތައް ހިމާޔަތްކޮށް މުޅި ދުނިޔެއަށް ރާއްޖެއިން ދައްކާފައިވާ ނަމޫނާއަށް ވެސް ނިމުން އަންނާނެ ކަމަށާއި، ތިމާވެށި ހިމާޔަތް ކުރުމުގެ ދާއިރާއިން ދިވެހީންނަށް ލިބިފައި އޮތް ރީތި ނަން ހުތުރުވެގެންދާނެ ކަމަށް ވެސް އެ ގަރާރުގައި ވެއެވެ.

ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ސަރުކާރުން ހުޅުވާލާފައި ވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އެ ހުއްދަ ދިނުމުގެ ގޮތުން މިޔަރުގެ މަސްވެރިކަން ކުރުމާ ބެހޭ ގަވާއިދަށް ވަނީ އިސްލާހު ގެނެސްފައެވެ.

ނަމަވެސް ވަރަށް ގިނަ ޖަމިއްޔާތަކުން ވެސް ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!