ރޯކޮށްލި އައްޑޫ މަތިކިޅީ އިކޯ ގާޑަން މަރާމާތުކުރަން ބީލަމަށް ހުޅުވައިލައިފި
ރޯކޮށްލުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އައްޑޫ ސިޓީ މީދޫގައި ހުންނަ މަތިކިޅީ އިކޯ ގާޑަން މަރާމާތުކުރަން ބީލަމަށް ހުޅުވައިލައިފިއެވެ.
އައްޑޫ ސިޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ މަތިކިޅީ މަރާމާތުކުރުމުގެ ފޭސް ދޭއްގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ކޮށްދޭނެ ބަޔަކު ހޯދަން ބީލަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށާއި އަދި މި މަހުގެ 25ވަނަ ދުވަހު އައްޑޫ ސިޓީ ކައުންސިލް އިދާރާގައި އެކަމާ ގުޅޭ ބީލަން ހުޅުވުން އޮންނާނެ ކަމަށެވެ.
އެ މަސައްކަތަށް ބީލަން ހުށަހެޅޭޏީ ރާއްޖޭގައި އެ ބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށް އެކަނިކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލްއިން ބުންޏެވެ.
މަތިކިޅި އިކޯގާޑަން މަރާމާތުކުރުމަށް ތައްޔާރުވަމުން އަންނައިރު ތަކުރާރުކޮށް އެތަނުގައި އަލިފާނުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ. އެ ގާޑަންގެ ހިމާޔަތުގައި މަސައްކަތް ކުރާ ޖަމިއްޔާއިން ބުނީ އެ ތަނުގައި ބަޔަކު ގަސްތުގައި އަލިފާން ރޯކުރަމުންދާ ކަމަށެވެ.
މި އަހަރުގެ ޖެނުއަރީ މަހު ވެސް އެ ގާޑަންގައި ރޯކޮށްލި އިރު މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ވެސް ރޯވެ އެ ތަނަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
މީދޫގެ މަތިކިޅީގައި އީކޯ ގާޑްންއެއް ހިނގާފައިވާ އިރު އެއީ އައްޑޫގެ އެންމެ ރީތި އެއް ތަނެވެ. އައްޑޫއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ދިވެހީންގެ މެދުގައި ވެސް މަގުބޫލު ކުޅިއެކެވެ.

