ޚަބަރު

އައްޑޫ ފިށިމަތި ހިއްކާ ނުލައި ފަރުނުޖެހިގެން އުޅޭކަށް ނުޖެހޭ: ނަޝީދު

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

އައްޑޫ ސިޓީ ހިތަދޫގެ ފިށިމަތި ސަރަހައްދު ހިއްކުމާ ދެކޮޅަށް އަޑު ގަދަވެފައިވާއިރު އެކަމާ ދެކޮޅަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވާހަކަ ދައްކަވައިފިއެވެ.

ތިމާވެށީގެ ރޮނގުން އެކި އެވޯޑުތައް ހާސިލްކޮށްފައިވާ ނަޝީދު ވިދާޅުވީ އެތަނަކީ ކުދިމަސް، ކަކުނި، ޑިންގާ ފަދަ ދިރުންތަކުގެ ނާސަރީއެއްް ކަމަށެވެ.

މިހާރު ވެސް މަގެއް އޮތް އެ ހިސާބުގައި އެ ތަން ހިއްކައި ނުލާ ފަރުނުޖެހިގެން އުޅެންވީ ސަބަބެއް ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ވެށި ހަލާކު ކުރުމަކީ ހަމަ އެންމެ ރަނގަޅު، ކުރަމުން ހިނގާންވީ ކަމެެއް ކަމަށް ދުށުމަކީ ވަރަށް ބޮޑު ގޯހެއް," ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ މުއައްސިސް ނަޝީދު ލިއުއްވާފައިވެ އެވެ.

މޫލެޑެގެ ފިޝިމަތި ސަރަހައްދު، ސަރުކާރުން ހިއްކަނީ އައްޑޫ ލިންކް ރޯޑަކީ އެ ދިމާލުން ސީދަލަށް އޮންނަ މަގަކަށް ހެދުމަށެވެ. އެ ސަރަހައްދުން 2.5 ހެކްޓަރުގެ ބިން ހިއްކައެވެ.

އެ މަޝްރޫއު ކުރިއަށް ނުގެންދިޔުމަށް އެދި ޕްރޮޖެކްޓް ތިމާވެށި ޖަމިއްޔާއިން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ވެސް ފޮނުވައިފައެވެ.

އެ ސިޓީ ފޮނުވައިފައި ވަނިކޮށް އިއްޔެ އެ ތަނުގެ ބިން ހިއްކުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

Ads by Ooredoo