އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑޮލަރު ބްރީފްކޭހެއް ފޭރުނު މައްސަލައިގައި އިތުރު ތިން މީހަކު ހައްޔަރު ކޮށްފިއެވެ.
މިދިޔަ މަހުގެ 27ވަނަ ދުވަހު ވީއައިއޭގެ އާ ޓާމިނަލަށް ވަންނަ ދޮރުމަތިން މޫނު ނިވާ ކޮށްގެން ތިބި ބަޔަކު އައިސް ފޭރިފައި ވަނީ ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރު ބްރީފްކޭހެކެވެ. ފޭރުނީ ބީއެމްއެލްގެ ދެ މުވައްޒަފަކަށް ވަޅިން ބިރުދެއްކުމަށް ފަހުއެވެ.
މި މައްސަލައާ ގުޅިގެން ހަމަ އެދުވަހު ހަތަރު މީހަކު ހައްޔަރު ކޮށްފައިވާއިރު، މިދިޔަ ހަފްތާ ވަނީ އިތުރު ތިން މީހަކު ހައްޔަރު ކޮށްފައެވެ.
އެއީ ގއ. ވިލިނގިލި، ބިނާ، އަބްދުލްއައްވަލް އިބްރާހިމް އަބޫބަކުރު 27، އާއި ތ. ވިލުފުށި، އެހީވާގެ، އަހުމަދު މާހިދު 44، އަދި ސ. ހިތަދޫ. ވަށަގުލިމާގެ، އަލީ އަފްޒަލް 21، އެވެ.
މި މައްސަލައިގައި ކުރިން ހައްޔަރު ކޮށްފައި ވަނީ ލ. މާވަށް، ރޭޝަމް، މާޒިން މޫސާ 25، އާއި މ. ކޯރަސް، އަހުމަދު ރައިހާން ނައީމް 20، ގެ އިތުރުން ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހިމް އަނޫފް 24، އަދި އެގޭ ހުސައިން ޝަހުދު 30، އެވެ.
މި އެންމެންވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
ފުލުހުން ބުނީ އޭގެ އިތުރުން، ހަތަރު މީހަކު ފުލުހުން މަނާ ކުރުމަށް އަމުރު ނެރެފައިވާ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުލުހުން ވަނީ އެމީހުން ފޭރުމަށް ފަހު އެއާޕޯޓުން ފުރައިގެން ދިޔަ ލޯންޗު ވެސް ހޯދައިފައެވެ. ލޯންޗު ހޯދީ ކ. ހުރާ ފަޅުތެރެއިންނެވެ. ފިލައިގެން އެމީހުން ދިޔައީ އެ ރަށަށެވެ.
ފޭރުނު ބްރީފްކޭހުގައި ހުރީ ފަސިންޖަރުންނަށް ބެންކު ރޭޓުން ދޫކުރާ ޑޮލަރެވެ. އޭގައި ލައްކައަކަށް ވުރެ ގިނަ ޑޮލަރު ހުރި ކަމަށް މައުލޫމާތު ލިބެއެވެ. އެ ފައިސާ މިހާތަނަށް ހޯދިފައެއް ނުވެއެވެ.
