މީހަކަށް އަނިޔާކުރާކަމަށް ދިޔަ ކުށުގެ ވެށީން 17 ކިލޯގެ މަސްތުވާތަކެތި ހޯދައިފި
މީހަކަށް އަނިޔާކުރާކަމަށް ކުރެވުނު ރިޕޯޓަކުން 17 ކިލޯގެ މަސްތުވާތަކެތި ހޯދައިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ހުޅުމާލެ ފޭސް 2ގައި ހުންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ޓަވަރެއްގެ އެޕާޓްމަންޓަކުން 09 ނޮވެމްބަރު ދުވަހުގެ ރޭ ދަންވަރު 01:31އެހާއިރު ފިރިހެނަކަށް އަނިޔާކުރާ އަޑު އިވޭކަމަށް ކުރެވުނު ރިޕޯޓަކާ ގުޅިގެން ފުލުހުން އެ އެޕާޓްމަންޓަށް ގޮސްފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި އެ އެޕާޓްމަންޓް ބަލައި ފާސް ކުރުމުގެ ތެރޭގައި ވަނީ ބަރުދަނުގައި 17.39 ކިލޯގެ މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެ ވަގުތު އެޕާޓްމަންޓުގައި ހުރި މާލެ ދަފްތަރު ނަންބަރު ދރ 1786 / ކ. މާލެ، މުޙައްމަދު ޖަޒުލާން އަޝްރަފު (29އ) ވަނީ ހައްޔަރުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.
މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ހުޅުމާލެ ފުލުހުންނާއި ޑްރަގް އެންފޯސްމަންޓާ ގުޅިގެން އިތުރަށް ދަނީ ތަޙްޤީޤު ކުރަމުންނެވެ.

